ވިޔަފާރި

އަމާނާ ތަކާފުލްއިން ފައިދާގެ 10 ޕަސެންޓް ބަހަނީ

އަމާނާ ތަކާފުލް އިން ހިއްސާގެ ފައިދާގެ ގޮތުގައި 10 ޕަސެންޓް ބަހަން، ނިންމައިފި އެވެ.

އަމާނާ ތަކާފުލް އިން އިއްޔެ މޫކައި ސުއިޓްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމިއިރު، މިދިޔަ އަހަރު ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 3.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 87.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖުމްލަ ފައިދާގެ (ކޮންސޮލިޑޭޓަޑް ޕްރޮފިޓް) ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 228 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެ ކުންފުނިން ބުނީ ނެޓް އަންޑް ކޮންޓްރިބިއުޝަން ވަނީ 29 ޕަސެންޓުގެ ކުރިއެރުމެއް ހޯދާ 62.2 މިލިއަން ރުފިޔާ ލިބިފަ އެވެ. މި ކުރިއެރުމުގެ ސަބަބަކީ، ޑިސްޓްރިބިއުޝަން ޗެނަލްތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. މީގެ އިތުރުން އިންޝްއަރެންސް ރޭޓްތަކަށް ގެނައި ބަދަލުތަކާއި އިންޝްއަރެންސް ކްލެއިމްގެ ކަންކަން ހަރުދަނާ ކުރުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އަމާނާ ތަކަފުލްއިން ބުންޏެވެ.

އަމާނާ ތަކާފުލް އިން ބުނީ ހިއްސާދާރުންނަށް ދޭޭ އިތުރު އިނާޔަތެއްގެ ގޮތުން، ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް، ޕާސަނަލް އެކްސިޑެންޓް ކަވާ ލިބޭނެ އެވެ. މިކަމާ ގުޅޭ އުސޫލުތައް، ހިއްސާދާރުންނަށް އަންގާނެ އެވެ.

އޭޖީއެމްގައި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ތައްޔިބް އަކްބަރް އަލީ ވިދާޅުވީ މިދިޔަ އަހަރު އެކަށައެޅި ވިޔަފާރީގެ ސިޔާސަތުތައް ވަނީ ކާމިޔާބުކަމާއި އެކު ތަންފީޒުކުރެވިފައި ކަމަށެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 6.7 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 228 ޕަސެންޓް ކުރިއެރުމެކެވެ.

''ފާއިތުވި އެއްވެސް އަހަރަކާ އަޅާބަލާއިރު 2017 ވަނަ އަހަރު އިންޝުއަރަންސް ސިނާއަތުގެ ތެރޭގައި، މާކެޓުގައި ކުރު ރާސްތާގެ ފައިދާތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ރޭޓްތައް ދަށްކުރުމުގެ އޮއިވަރެއް ފެނިގެން ގޮސްފައިވާއިރު، ދިވެހިރާއްޖެއަށް އިސްލާމީ މާލީ ނިޒާމު ތައާރަފްކުރި ކުންފުނީގެ ހައިސިއްޔަތުން އަޅުގަނޑުމެން ސާބިތުވެ ދެމި ތިބޭނީ އަދި އަޅުގަނޑުމެންނާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ޔަޤީންކަން ދޭންބޭނުންވަނީ، ކޯޕަރޭޓް ގަވަނަންސް ކޯޑާއި އަދި ވިޔަފާރީގެ އެންމެ މަތީ އަޚްލާޤް ނަގަހައްޓާ ދެމެހެއްޓުމުގައި ސާބިތުވެ ދެމިތިބުން،" އޭނާ ވިދާޅުވި އެވެ.

އަމާނާ ތަކާފުލް އިން ބުނީ ހިއްސާގެ ފައިދާ ބެހުމުގެ މަގްސަދަށްޓަކައި، ހިއްސާގެ ދަފްތަރު ނުވަތަ ޝެއާ ރެޖިސްޓަރ ބަންދުކުރާނެ ތާރީހަކީ 15 މެއި 2018 ކަމަށެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމަށް ޝަރުތުހަމަވާނެ އެވެ.