ހޮލީވުޑް

"ކެދާރްނާތް" ރިލީޒް ކުރުން އަވަސްކޮށްފި

ގިނަ މައްސަލަތަކެއް ފެންމަތިވެފައި އޮތް ބޮލީވުޑްގެ ފިލްމު "ކެދާރްނާތް" އަންނަ ނޮވެމްބަރު މަހު 30 ގައި ރިލީޒްކުރަން ނިންމައިފި އެވެ. ފިލްމުގެ ޑައިރެކްޓަރު އަބީޝޭކް ކަޕޫރް ވަނީ ފިލްމު ރިލީޒްކުރާ ތާރީހު ކަށަވަރުކޮށްދިނުމަށް ޓުވީޓެއްކޮށްފަ އެވެ. އެ ޓުވީޓުގައި ފިލްމުގެ ޕޯސްޓަރެއްވެސް ޝައިއުކޮށްފައިވެ އެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ ޑިސެމްބަރު 21 ގަ އެވެ. ބެލެވޭ ގޮތުގައި ފިލްމު ރިލީޒްކުރާ ތާރީހު އަވަސްކުރީ ޑިސެމްބަރުގައި ހަމަ އެ ތާރީހުގައި ޝާރުކް ހާން ފިލްމު "ޒީރޯ" ރިލީޒްކުރާތީ އެވެ.

ބޮޑު ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރާތީ ފިލްމުގެ ވިޔަފާރީ އަށް ނޭދެވޭ އަސަރުކޮށްފާނެތީ ޝާހްރުކް ވަނީ "ކެދާރްނާތް" ގެ ކުރީގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާއާއި ބައްދަލުކޮށް އެ ފިލްމު ރިލީޒްކުރާ ތާރީހު ފަސްކުރަންވެސް އެދިފަ އެވެ. މިކަމާއި މެދު ހިތްހަމަނުޖެހި ޑައިރެކްޓަރު އަބީޝެކް ބުނީ ކުރިމަތިލުމަކަށް ގޮސްގެން ވިޔަސް އޭނާ ބޭނުންވަނީ ފިލްމު ޑިސެމްބަރު 21 ގައި ރިލީޒްކުރަން ކަމަށެވެ.

ޑައިރެކްޓާ އަބީޝޭކްގެ ޓުވީޓް.

ފިލްމު ރިލީޒްކުރާ ތާރީހާއި މެދު އަބީޝެކް އާއި ޕްރޭނާއާއި ދެމެދު ހިޔާލު ތަފާތުވެ، ޕްރޭނާ ތަމްސީލުކުރާ ޕްރޮޑަކްޝަން ކުންފުނި، ކްރީއާޖް އެންޓަޓެއިންމަންޓުން މި ފިލްމު އިތުރަށް ޕްރޮޑިއުސްނުކުރަން ވަނީ ނިންމާފަ އެވެ. މިހާރު ފިލްމު ޕްރޮޑިއުސްކުރަނީ އާރްއެސްވީޕީ ކިޔާ ޕްރޮޑަކްޝަން ހައުސްއަކުންނެވެ.

އުއްތަރްކަންދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގެ ތެރޭގައި ހިންދޫ މުސްލިމު ދެ ޒުވާނެއްގެ މެދުގައި ހިނގި ލޯބީގެ ހާދިސާތަކެއް މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ސާރާއާއެކު މި ފިލްމުން ފެނިގެންދާނީ ޒުވާން އެކްޓަރު ޝުޝަންތް ސިންހް ރާޖްޕުތް އެވެ.