ހޮލީވުޑް

ޖުރެސިކް ވޯލްޑް 2 އެމެރިކާއަށްވުރެ ކުރިން އިންޑިއާއަށް

"ޖުރެސިކް ވޯލްޑް" ގެ ސީގުއެލް ފިލްމު "ޖުރެސިކް ވޯލްޑް ފޯލެން ކިންގްޑަމް" އެމެރިކާގައި ރިލީޒްކުރުމުގެ ދެ ހަފްތާ ކުރިން އިންޑިއާގައި ރިލީޒްކުރުމަށް ނިންމައިިފި އެވެ. އެމެރިކާގައި މި ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ ޖޫން 22 ގަ އެވެ. އިންޑިއާގައި ފިލްމު ރީލީޒްކުރާނީ ޖޫން އަށެއްގަ އެވެ.

ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާނީ އިނގެރޭސިވިލާތާއި ޖާމަނީގަ އެވެ. އެއީ ޖޫން ހަތް ވަނަ ދުވަހު އެވެ.

އިންޑިއާގައި ފިލްމު ރިލީޒްކުރާ ތާރީހު އަވަސްކުރީ އިންޑިއާ އިން ހޮލީވުޑް ފިލްމުތަކަށް ލިބޭ އާމްދަނީ ރަނގަޅުވާތީ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. މިހާރު އިންޑިއާގައި ދައްކަމުން އަންނަ ހޮލީވުޑް ފިލްމު އެވެންޖާސް: އިންފިނިޓީ ވޯއަށްވެސް ވަނީ ހަމައެކަނި އިންޑިއާއިން ރެކޯޑު އާމްދަނީއެއް ލިބިފަ އެވެ.

"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑަމް" ގެ ޓްރެއިލާ.

ކްރިސް ޕްރެޓް ލީޑުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2015 ގަ އެވެ. ކްރިސް ޕްރެޓާއެކު ދެ ވަނަ ފިލްމުގައި މުހިންމު ރޯލުތަކުން ބްރައިސް ޓެލަސް ހޯވާޑް އާއި ބީ. ޑީ. ވޮންގް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޖޭއޭ ބަޔޯނާ އެވެ.

"ޖުރެސިކް ވޯލްޑް" ގެ ތިން ވަނަ ފިލްމެއްވެސް ގެނެސްދިނުމަށް މިހާރު ވަނީ ނިންމާފަ އެވެ. ހަމަ ބަޔޯނާ ޑައިރެކްޓުކުރާ އެ ފިލްމު ރިލީޒްކުރަން ހަމަޖައްސާފައި ވަނީ 2020 ގަ އެވެ.