ހަބަރު

ރާޅުން ކަރަންޓު އުފެއްދުމުގެ ތަހުލީލުތައް ރާއްޖޭގައި ފަށައިފި

ޖަޕާންގެ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެގައުމުގެ ވިޔަފާރި ކޮކްޔޯ ޓެޓްމޮނޮ ކުންފުންޏާ އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ރާޅުން ކަރަންޓް އުފެއްދުމުގެ ތަހުލީލުތަކެއް ފަށައިފި އެވެ.

ރާޅުން ކަރަންޓު އުފެއްދުމުގެ ފުރަތަމަ އެކްސްޕެރިމެންޓް ކުރިއަށްގެންދަނީ ހޮލިޑޭ އިން ކަނޑޫމާ ރިސޯޓްގަ އެވެ. އެގޮތުން އެ ރިސޯޓުގެ ފުއްޓަރުފަރާތު މޫދުގައި އެއްގަމުން 50 މީޓަރު ބޭރުގައި ރާޅުން ކަރަންޓު އުފައްދާ ޔުނިޓްތަކެއް ވަނީ ބަހައްޓާފަ އެވެ.

ކަނޑޫމާ ރިސޯޓުގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މި މޮޑެލް ޓެސްޓު ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ބޮޑު ބައި މޫދަށް އޮވެފައި ރާޅުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހޯދުން ކަމަށެވެ. މި މަޝްރޫއު ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކަނޑޫމާގައި އިންސްޓޯލްކުރި ސިސްޓަމަކީ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޓް ޓެކްނޮލޮޖީގެ ކުއަންޓަމް ވޭވް މައިކްރޮސްކޯޕީ ޔުނިޓުގެ ލީޑަރު ޕްރޮފެސާ ޓުސުމޮރު ޝިންޓޭކާއި އޭނާގެ ޓީމުން ފަރުމާކުރި ސިސްޓަމެކެވެ. މި ނިޒާމް ފަރުމާކޮށްފައިވަނީ ކަނޑު ގަދަވުމުން ވެސް ގެއްލުން ނުވާ ގޮތަށް މަސްމަހާ މެއްސަށްވެސް ރައްކާތެރި ގޮތަކަށެވެ.

ޕްރޮފެސާ ޓުސުމޮރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މެދުގައި އޮންނަ ގައުމަކަށް ވުމުން މިފަދަ ޕްރޮޖެކްޓަކަށް ވެސް އެންމެ އެކަށީގެންވާ އެއް ގައުމަކީ ރާއްޖެ ކަމަށެވެ.

މިއަދު ކަނޑޫމާގައި ބެހެއްޓީ ރާޅުން ކަރަންޓު އުފައްދާ ދެ ޔުނިޓެކެވެ. މި ފަދަ އިތުރު ޔުނިޓްތަކެއް އަންނަ ސެޕްޓެމްބަރު މަހު އެހެން ރަށެއްގައި ބަހައްޓާނެ އެވެ.