ދުނިޔެ

އީރާނާއި އިޒްރޭލުން ހަމަލާތަކެއް ބަދަލުކޮށްފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާން އެގައުމުގައި ހަރަކާތްތެރިވާ އީރާނުގެ ބާރުތަކުން ގޯލާންގެ އުސްބިންތަކުގައިވާ އިޒްރޭލުގެ އަމާޒުތަކަށް ރޭ ދަންވަރު ހަމަލާތަކެއް ދީފިއެވެ.

ރޮއިޓާސް ބުނީ އީރާނުގެ ބާރުތަކުން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ވެސް ސޫރިޔާގައިވާ އީރާނުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިންް ކަމަށެވެ. އަދި ބުނީ އެއީ 2011 ވަނަ އަހަރު ސޫރިޔާ ހަނގުރާމަ ފެށުނު ފަހުން އެގައުމުގެ ސަރަހައްދަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ.

ސޫރިޔާ ސަރުކާރުން ބުނީ އިޒްރޭލުން ފޮނުވައިލި ގިނަ އަދަދެއްގެ މިސައިލް އެގައުމުގެ ވައިގެ ދިފާއުގެ އަމާޒުތަކަށާއި ރާޑާ ސްޓޭޝަނަކަށާއި ހަތިޔާރު ގުދަނަކަށް އެރި ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ އަހަރެމެންނަށް މި ޗެޕްޓާ ނިންމައިލެވިއްޖެ ކަމަށް އަދި އެންމެނަށް މެސެޖް ލިބިއްޖެ ކަމަށް،" ތެލްއަވީވްގެ ކައިރީގައި މިއަދު ކުރިއަށްދާ ހާޒްލިޔާ ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު އަވިގްޑޯރް ލީބަމަން ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.

އިޒްރޭލަކަށް ގެއްލުމެއް ނުވޭ

އީރާނުގެ ބާރުތަކުން ގޯލާންގެ އުސްބިންތަކުގައިވާ އިޒްރޭލުގެ އަމާޒުތަކަށް ފޮނުވައިލި މިސައިލްތަކުން އެގައުމަަކަށް ގެއްލުމެއް ނުވެއެވެ. އިޒްރޭލުން ބުނީ އީރާނުގެ ބާރުތަކުން ފޮނުވައިލީ ގްރޭޑް އަދި ފަޖްރު މިސައިލްތަކެއް ކަމަށާއި އެ މިސައިލްތަކުގެ ތެރެއިން ބައެއް އިޒްރޭލުގެ އެއާ ޑިފެންސް ސިސްޓަމް "ޑޯމް"އިން ވައިގެ ތެރޭގައި ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އަނެއްބައި މިސައިލްްތައް ގޯލާންގެ އުސްބިންތަކާ ހަމައަށް ނުފޯރަނީސް ވެއްޓުނު ކަމަށް ވެސް ބުންޏެވެ.

އީރާނުގެ ހަމަލާތަކުން އިޒްރޭލަށް ކަމެއް ނުވާކަމަށް ބުނި އިރު ރައްދުގައި އިޒްރޭލުން ދިން ހަމަލާތަކުން އީރާނުގެ އަމާޒުތަކަށް ދިން ހަމަލާތަކުގައި އެ އަމާޒުތައް މުޅިން ހަލާކުކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް މަރުވީ ކިތައް މީހުން ކަމެއް ނޭނގޭ ކަމަށް ބުންޏެވެ.