ހޮލީވުޑް

މި ތަރިންގެ މުސާރަ އިނގޭތަ؟

ހޮލީވުޑްގައި މަސައްކަތްކުރާ މަޝްހޫރު ބައެއް ތަރިންގެ މުސާރަ ވެރައިޓީގައި މިހާރު ވަނީ ހާމަކޮށްފަ އެވެ. ވެރައިޓީގެ ރިޕޯޓުގައި ބުނާގޮތުން އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ މާވެލް އިން 2008 ވަނަ އަހަރު ގެނެސްދިން ފިލްމު "އަޔަން މޭން" އިން ގިނަ ބައެއް މަގުބޫލުކަން ހޯދި އެކްޓާ ރޯބާޓް ޑައުނީ ޖޫނިއާއަށެވެ.

މާވެލް އިން މިދިޔަ އަހަރު ގެނެސްދިން ފިލްމު "ސްޕައިޑާ މޭން" ގައި އޭނާ ފެނިގެންދިޔަ 15 މިނެޓަށް އެކަނިވެސް ދިހަ މިލިއަން ޑޮލަރު ޗާޖުކޮށްފައިވެ އެވެ. އެ ސްޓޫޑިއޯ އިން އެންމެފަހުން ގެނެސްދިން ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ"ގައިވެސް ރޮބާޓްގެ ބޮޑު ރޯލެއް ފެނިގެންގޮސްފައިތީ އޭނާއަށް ލިބުނު މުސާރަ އަދި މާ ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.

ސުޕާސްޓާރަކަށްވުމުގެ ފައިދާ ނަގަނީ ހަމައެކަނި ރޮބާޓްއެއް ނޫނެވެ. ސުޕާސްޓާރަކަށް ވުމުގެ އިތުރަށް ހޮލީވުޑް ފިލްމުތަކުން އެންމެ ބޮޑު އާމްދަަނީއެއް ހޯދަނީ ސޯޝަލް މީޑިއާގައި ބޮޑު ފޭން ބޭސްއެއް އޮންނަ އެކްޓަރުން ފިލްމުތަކުގައި ބޭނުންކޮށްގެންނެވެ.

އެގޮތުން "ދަ ރޮކް" ނުވަތަ މަޝްހޫރު އެކްޓާ ޑުވޭން ޖޯންސަން އަކީ ފާހަގަކޮށްލެވޭ އެކްޓަރެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ރެޑް ނޯޓިސް" ކުޅެނީ 22 މިލިއަން ޑޮލަރަށެވެ. ސޯޝަލް މީޑިއާގައި ބޮޑު ފޭން ބޭސްއެއް އޮންނަ ޑުވޭން އެ ފިލްމު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޕްރޮމޯޓުކޮށް ދިނުމަށްޓަކައި އެއް މިލިއަން ޑޮލަރު ނަގަ އެވެ.

ފްރެންޗައިޒް ފިލްމުތަކަށް އޮންނަ މަގޫބުލުކަން އަބަދުވެސް ބޮޑެވެ. އެކްޓަރުން އެންމެ ގިނައިން އާމްދަނީ ހޯދަނީވެސް ފްރެންޗައިޒް ފިލްމުތަކުންނެވެ. އެގޮތުން "ބޮންޑް" ފިލްމު ފްރެންޗައިޒް އިން ޑެނިއަލް ކްރެގް ހޯދާ އާމްދަނީ ފާހަގަކޮށްލެވެ އެވެ. އަންނަ އަހަރު ނިކުންނަ މި ފްރެންޗައިޒްގެ ފިލްމު "ބޮންޑް 25" ކުޅެން އޭނާ އެއްބަސްވީ 25 މިލިއަން ޑޮލަރަށެވެ. މި ފިލްމަކީ އޭނާ މި ފްރެންޗައިޒްއަށް ކުޅޭނެ އެންމެ ފަހު ފިލްމުވެސްމެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފިލްމުތަކުގައި ފެނިގެންދާ އެކްޓާ ވިން ޑީސެލް، އެ ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމު ކުޅުމަށް އެއްބަސްވީ 20 މިލިއަން ޑޮލަރަށެވެ. މި ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ ބޮޑުވެއްޖެނަމަ މި ތަރިންނަށް ބޯނަސްގެ ގޮތުގައިވެސް ބޮޑު އެއްޗެއް ލިބެ އެވެ.