ދުނިޔެ

ކިމްއާއި ޓްރަމްޕްގެ ބައްދަލުވުން ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައި

އުތުރުކޮރެެއާގެ ލީޑަރު ކިމްޖޮން-އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވަން އުޅުއްވާ ތާރީހީ ބައްދަލުވުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ކަން ޓްރަމްޕް ހާމަ ކުރައްވައިފިއެވެ.

ބައްދަލުވުން ބާއްވާ ތަނާއި ގަޑިއާ ބެހޭ ގޮތުން މީޑިއާ ތަކުން ކުރަމުން އައި ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވައި ހުންނެވުމަށް ފަހު ޓްރަމްޕް މިއަދު އެކަން ހާމަކުރެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރުކޮރެއާއަށް ކުރެއްވި ދަތުރުފުޅުން އެނބުރި ވަަޑައިގެންނެވުމުންނެވެ. ޕޮމްޕެއޯގެ ދަތުރުފުޅުގައި ޓްރަމްޕް ސަރުކާރަށް ޑިޕްލޮމެޓިކް ގޮތުން ބޮޑު ކާމިޔާބީއެއް ވަނީ ހޯއްދަވާފައެވެ. އެގޮތުން އުތުރުކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން މީހުން އުތުރުކޮރެއާއިން ވަނީ މިނިވަންކޮށް، ޕޮމްޕެއޯގެ އަރިހުގައި އެމެރިކާއަށް ފޮނުވާފައެވެ.

އެ ތިން މީހުން އެމެރިކާއަށް އައުމުން އެމީހުންނަށް މަރުހަބާ ވިދާޅުވެ، އުފާފާޅު ކުރެއްވުމަށް ޚުދު ޓްރަމްޕާއި ފަސްޓްލޭޑީ މިލޭނިއާ ޓްރަމްޕް ވަޑައިގެން މަތިންދާބޯޓަށް ވެސް އަރާވަޑައިގެންނެވިއެވެ.

ކިމްއާއި ޓްރަމްޕް ބާއްވަވާ ބައްދަލުވުން ވެގެން ދާނީ އުތުރުކޮރެއާއާއި އެމެރިކާގެ ލީޑަރުން ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ކިމްއަށް ބާރު އަޅުއްވާނީ ނިއުކްލިއަ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަށް ކޮރެއަން ޕެނިންސިއުލާ ހެދުމަށެވެ. މީގެ ކުރިން ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއާ އެކު ބޭއްވެވި ބައްދަލުުވުމުގައި ކިމް ވިދާަޅުވީ ނިއުކްލިއަ ހަތިޔާރު ނައްތަވައިލައްވާނެ ކަމަށެވެ.