ހަބަރު

"ޖުޑީޝަރީ މިނިވަން ކުރެވޭނީ ޖޭއެސްސީ ބަދަލު ކޮށްގެން"

ރާއްޖޭގެ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަން ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަން ކުރެވޭނީ ގާނޫނު އަސާސީގައި ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އޮންނަ މިނިވަން މުއައްސަސާ ކަމަށްވާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ މުއައްސަސާ ސިޔާސީ ނުފޫޒުން މިނިވަން ކުރެވިގެން ކަމަށެވެ.

ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމަކީ އެ މަނިކުފާނުގެ ޖުޑީޝަލް ރީފޯމް އެޖެންޑާގެ އެންމެ އިސް މަސައްކަތް ކަމަށެވެ. އެގޮތުން އެމާއްދާގައިވާ ކޮމިޝަނުގެ މެންބަރުންގެ އަދަދު ދިއަކުން ހަތަކަށް ދައްކުރާނެ ކަމަށާއި އެ މާއްދާގެ ބ، ކ އަދި އ އުނިކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތެވެ. އެ މާއްދާގެ ބ ގައި ވަނީ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް ހުންނަން ޖެހޭނެ ކަމަށެވެ. އެ މާއްދާގެ ކ ގައި ވަނީ، ސިވިލަ ސާވިސް ކޮމިޝަންގެ ރައީސް ހުންނަން ޖެހޭނެ ކަމަށެވެ. އަދި އ ގައި ވަނީ، ރައީސް އައްޔަން ކުރާ ބޭފުޅަކު ހުންނަން ޖެހޭނެ ކަމަށެވެ.