"އައިޑޮލްގައި ބައިވެރިވިކަން ފުރަތަމަ ޕޭރެންޓްސްއަކަށް ނާންގަން. އާއިލާގެ މީހަކު ކައިރިވެސް ނުބުނަން. ރައްޓެހިންގެ ތެރެއިން ވެސް ދެ ތިން ކުއްޖަކަށް އެނގޭނީ. އޮޑިޝަންތައް ދެއްކީމަ އެންމެނަށް ވެސް އެނގުނީ ބައިވެރިވިކަން."
މިއީ މި ބައިވެރިޔާގެ އައިޑޮލްގެ ދަތުރު ފެށުނު ހިސާބެވެ. ދ. މީދޫއަށް އުފަން ރައިހާން އާދަމް، 21، އަކީ "އަވަސް"ގެ "ޖާނީ" ގެ ދެ ވަނަ މެހުމާނެވެ.
ލަވަކިޔުމަކީ ރައިހާންގެ މައިންބަފައިން އެހާ ރުހޭނެ ކަމަކަށް ނުވެދާނެތީ އޭނާ ފުރަތަމަ ފަސްވެސް ޖެހުނެވެ. އެ ބިރާއެކު މާ ގިނަ އުއްމީދުތަކެއް ނެތިވެސް އައިޑޮލްގައި ބައިވެރިވީ އަޖުމަ ބާލާލުމަށެވެ. އޭނާ ދެކެމުންއައި ހުވަފެނުގައި ކުލަޖެހުމުގެ ފުރުސަތެއް އޮތްތޯ ބެލުމަށެވެ.
"ފުރަތަމަ ދިޔައިރު ހިޔެއް ނުކުރަން އޮޑިޝަނުން ވެސް ހޮވޭނެ ކަމަކަށް. އެކަމަކު އޮޑިޝަނުން ހޮވުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބުނީ. އެހިސާބުން އާއިލާގެ އެންމެގެވެސް ސަޕޯޓް މިހާރު ލިބޭ. މިއީ އަޅުނގަޑު ކުރާހިތުން ކުރާ ކަމެއްކަން އިނގުނީމަ މިހާރު ޕޭރެންޓުންވެސް ވަރަށް ސަޕޯޓީވް."
"އައިޑޮލް އިން ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް. އެއީ އެއްވެސް ކަމެއްގައި ހިތްވަރު އެލުވާލައިގެން ނުވާނެކަން."ރައިހާން
ރައިހާން ދެކެމުންއައި ހުވަފެނުގައި މިހާރު އޭނާ ހީނުކުރާ ވަރަށް ކުލަޖެހިއްޖެ އެވެ. އޮޑިޝަނުން ޖަޖުންގެ ލޯބި ހޯދާއި ޕިއާނޯ ރައުންޑުގައި އޭނާ ގޯލްޑެން މައިކްވެސް ހާސިލު ކުރި އެވެ. ގާލާ ރައުންޑުގައި ވާދަކޮށް ޝޯއިން ވަކިވީ ގަދަ ހަތަކުންނެވެ.
"ޝޯއިން ވަކިވާންޖެހުނީމަ ދެރަވި. އެކަމަކު އެ ހިސާބަށް ވެސް ދެވުނީމަ ވަރަށް އުފާވޭ." ކުރިއަށް އޮތްތަނުގައި އަދި ފަނޑުވުމެއް ނެތި ފެންނާނެ ކަމަށް ރައިހާން ބުންޏެވެ. "ޓޮޕް 16 އިން ފަށައިގެން އައީ ވަރަށް ވާދަވަވެރިކޮށް. އެހާ ހިސާބުން ވަކިވާންޖެހުނު ނަމަވެސް މިއީ ނިމުމެއް ނޫން."
ގަދަ ހަތަކާ ހަމައަށް ހުށަހަޅާދިން ލަވަތަކުގެ ތެރެއިން ރައިހާންއަށް އެންމެ ހިތްހަމަޖެހޭގޮތަށް ހުށަހަޅާ ދެވުނީ "ހީލުން ތި ފޮރުވީ ލަދުންހޭ" އެވެ.
"އައިޑޮލްއަކީ އަޅުގަނޑަށް ވަރަށް ތަފާތު އެކްސްޕީރިއެންސަކަށްވީ. ތަފާތު ކަންކަން ދަސްވި. އަމިއްލަ މީހާއަށް އަމިއްލަ މީހާގެ ލައިފް ޑިސްކަވާވި." ރައިހާން ބުންޏެވެ. "އައިޑޮލް އިން ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް. އެއީ އެއްވެސް ކަމެއްގައި ހިތްވަރު އެލުވާލައިގެން ނުވާނެކަން."
"ކުރިން މީހުނަކަށް ނެނގޭނެ އަޅުގަނޑަކީ ކާކުކަމެއް. މިހާރު ގިނަ މީހުނަށް އިނގޭ އަޅުގަނޑު. ފެނުނީމަ ގޮވާލާ ސެލްޕީ އެއްޗެހިވެސް ނަގާ ހާދާ. އަސްލު ވަރަށް އުފާވޭ ގިނަ ބައެއް ލޯބި ލިބޭތީ. މިވެސް އައިޑޮލް އިން ހާސިލުވި ކަމެއް."
ލަވަކިޔުމުގެ އިތުރަށް ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ ރައިހާންގެ ލުކްސް އެވެ. އޭނާގެ އަޑާއި އެއްވަރަށް އޭނާގެ ރީތިކަކަމަށް އޮތް ފޭން ބޭސް ވެސް ބޮޑެވެ.
"ވަރަށް ގިނަ މީހުން އަހާ ވަރަށް ތަފާތު ސުވާލުތައް. ބައެއް މީހުން އަހާ މޮޑަލްއަކަށް ވާނަންހޭ ނޫނީ ވީޑިއޯ ލަވައަކުން ނޫނީ އެކަހަލަ އެހެން ދާއިރާއަކުންވެސް ފެނިދާނެހޭ." އަމިއްލަ ލަވައަކުން ފެނުނު ނަމަވެސް އެ ކަހަލަ ދާއިރާއަކުން ރައިހާން ބުނީ އޭނާ ނުފެންނާނެ ކަމަށެވެ. އެކަމަކު އޭނާ ފެނިދާނެ އެހެން ދާއިރާއެއް އެބަ އޮތެވެ.
"ނިއުރޯ ސާޖަންއަކަށްވުމަކީވެސް އަޅުގަނޑުގެ ޑްރީމްއެއް." ލަވަކިޔުމުގެ އިތުރަށް މިވެސް ރައިހާން ދެކެމުން އަންނަ ހުވެފެނެކެވެ. "އަޅުގަނޑުދެކޭ ގޮތުގައި ދެ ޑްރީމެއް އޮތުމަކީ މައްސަލައެއް ނޫން."
ރައިހާން މިހާރު އަންނަނީ ގިޓާ ކުލާސްތައްވެސް ނަގަމުންނެވެ. އޭނާގެ އުއްމީދަކީ ތަފާތު އަމިއްލަ ސްޓައިލުގެ ލަވަތަކެއް ގެނެސްދީ ލަވަ އަލްބަމެއް ނެރުމެވެ.
މަންމާއާއި ބައްޕަ އަދި އާއިލާގެ މެންބަރުން ދެމުން އަންނަ ސަޕޯޓަށް ރައިހާން ޝުކުރު އަދާކުރި އެވެ. ރައިހާން ބުނީ ރައްޓެހިނާއި ފޭނުންނާއި ރަށުގެ މީހުންނާއި އަދި އައިޑޮލްގެ ދަތުރުގެ ތެރެއިން އޭނާއަށް ހިތްވަރުދީ ސަޕޯޓަކޮށް ދިން އެންމެނަށް އަބަދުވެސް ޝުކުރު އަދާކުރާނެ ކަމަށެވެ. ހާއްސަކޮށް ތޭރަވާގެ ނަން އޭނާ ފާހަގަކުރި އެވެ.