ފިނިޕޭޖް

މި އަޑު މަޑެއް ނުވާނެ، ފަނޑެއް ނުވާނެ!

"މީހުން ޗައިވާލާ ކިޔާތީ އެއްވެސް އެއްޗެކޭ އަހަރެންގެ ހިތަކަށް ނާރާ. އޯކޭ ކިޔަސް. އެކަމަކު އަސްލު ނަމުން ވެސް ގޮވާލައިފިނަމަ ވަރަށް އުފާވާނެ."

މިއީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގައި "ޗައިވާލާ" ގެ ނަމުން މަޝްހޫރުވި ބައިވެރިޔާ އެވެ. ދެ ވަނަ ސީޒަންގެ އޮޑިޝަންގައި ގޯލްޑެން ޓިކެޓާއެކު ތިއޭޓާ ރައުންޑަށްވެސް ދިޔަ އެވެ. ނަމަވެސް ތިއޭޓާ ރުންޑުން އޭނާއަށް ޖެހުނީ ޝޯއިން ވަކިވާށެވެ.

ދެ ވަނަ ސީޒަންގައި ނާކާމިޔާބާއި ކުރިމަތިލާންޖެހުނު ނަމަވެސް އިތުރު ހިތްވަރެއްކޮށް އެންމެ ފަހުން މި ނިމުނު އައިޑޮލްގެ ތިން ވަނަ ސީޒަނަށް އަނބުރާއަ އެެވެ. ކަންދިމާކުރި ގޮތުން މިދިޔަ ސީޒަންއަކީ ކުރިއަށްވުރެ އޭނާއަށް ކާމިޔާބު ސީޒަނެކެވެ.

ކ. މާފުއްޓަށް އުފަން އަހުމަދު ޝަމީލް 19، އަކީ "އަވަސް" އިން މި ގެނެސްދޭ "ޖާނީ" ގެ ތިން ވަނަ މެހުމާނެވެ.

މީހުން ޗައިވާލާ ކިޔާތީ އެއްވެސް އެއްޗެކޭ ހިތަކަށް ނާރާ. އޯކޭ ކިޔަސް. އެކަމަކު އަސްލު ނަމުން ވެސް ގޮވާލައިފިނަމަ ވަރަށް އުފާވާނެ،
އަހުމަދު ޝަމީލް

"އައިޑޮލްގައި ބައިވެރިވީ އެއްޗެއް ދަސް ކުރަން ވެގެން. ވަރަށް ގިނަ އެއްޗެހި އައިޑޮލްގެ ތެރެއިން ދަސްވެއްޖެ. ކުރިއަށް އޮތްތަނުގައި އަދި އިތުރަށްވެސް ދަސްކުރަމުން ގެންދާނަން." އައިޑޮލްގެ ދަތުުރު ސިފަކުރަނީ ކިހިނެއް ހެއްޔޭ އެހުމުން ޝަމީލް ބުންޏެވެ. ޝަމީލް ވަނީ މި ސީޒަންގެ ތިއޭޓާ ރައުންޑުގައި ގޯލްޑެން މައިކްވެސް ހޯދާފަ އެވެ.

"ޝޯއިން ވަކިވާންޖެހުމުން ދެރަވި. އެކަމަކު އެ ދުވަހު ކެޓިއިރު އަޅުގަނޑު ކައިރީގައި ހުރީ ޒަރޭ. ޒަރޭއަކީ ވަރަށް ގާތް ވަރަށް ރަނގަޅު ރައްޓެއްސެއް. އޭނަ ހޮވުނީމަ ވަރަށް އުފާވި." ޝާމީލް ކެޓީ ގަދަ ނުވައަކުންނެވެ.

"އައިޑޮލްގައި ކުރިން ބައިވެރިވި ބައެއް ކުދިން ކުދިން މިހާރު ނުފެންނަކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަމަކު އަޅުގަނޑު އިރާދަކުރެއްވެއްޖިއްްޔާ ކުރިއަށް އޮތް ތަނުގައި ފެންނާނެ." ކުރިއަށް ފޭނުންނަށް ވަރަށް ގިނަ ސަޕްރައިޒެސްތަކެއް އެބަހުރި ކަމަށް ޝަމީލް ބުންޏެވެ.

ޝަމީލް ބުނީ އޭނާ މިހާރު އެންމެ ބޭނުންވަނީ އަމިއްލަ އަލްބަމެއް ނެރެން ކަމަށެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

އާއިލާއާއި ރައްޓެހިންނާއި ފޭނުންނާއި އަދި އައިޑޮލްގެ ޖަޖުންނާއި ކޯޗް ތޭރަވާގެ ނަން ޝަމީލްގެ ޝުކުރުގެ ލިސްޓުގައި ހިމެނެ އެވެ. އައިޑޮލްގެ ދަތުރުގައި އޭނާއަށް އެހީވި ހުރިހާ މީހުންނާއި އޭނާއެކު ވާދަކުރި ބައިވެރިންނަށްވެސް ޝުކުރު އަދާކުރި އެވެ.