ހަބަރު

މަހުލޫފަކީ ޒަމީރުގެ ގައިދީއެއް، މިނިވަން ކުރޭ: އެމްނެސްޓީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަކީ ޒަމީރުގެ ގައިދީއެއް ކަމަށާއި އޭނާ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ޖަމިއްޔާ އެއް ކަމަށްވާ އެމްނެސްޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތަކަކީ ސިޔާސީ ބޭނުމަކަށްޓަކައި އުފުލާފައިވާ އެއްވެސް ހަގީގަތެއް ނެތް ދައުވާ ތަކެއް ކަމަށެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިންނަށް މާސްކު ބެހި މައްސަލައިގައި އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާގެ ސަބަބުން މަހުލޫފްގެ މައްޗަށް މަދުވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ބަޔާނުގައި ވެއެވެ.

މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން 17 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މަހުލޫފް ކުރި ދެ ޓްވީޓަކާއި ގުޅިގެން ކޮށްފައިވާ ދެ ދައުވާ އާއި ގުޅިގެން މަދުވެގެން އެއް އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށްވެސް އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސް ވަގުތުން މިނިވަން ކުރުމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާފައި ވެއެވެ. އަދި ސިޔާސީ ފަރާތްތައް ޓާގެޓްކޮށް އެފަރާތްތަކާއި ދެކޮޅަށް ބޭނުން ކުރާ ހަތިޔާރަކަށް ޖުޑީޝަރީ ނުހެދުމަށާއި ބިރުވެރިކަމެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްވެސް އެމްނެސްޓީން ގޮވާލާފައި ވެއެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން މަހުލޫފް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ޝަރީއަތް ނިމެންދެން މަހުލޫފް ގޭ ބަންދަށް ބަދަލު ކުރަން އަންގާފަ އެވެ.

ޓެރަރިޒަމްގެ ދައުވާއާއި އެކު ޖުމްލަ ހަތަރު ދައުވާއެއް މަހުލޫފްގެ މައްޗަށް ވަނީ އުފުލާފައެވެ. އިތުރަށް އުފުލާފައި ވަނީ، އޭނާ ކުރެއްވި ދެ ޓްވީޓަކާ ގުޅިގެންނާއި މުޒާހަރާގެ ބައިވެރިންނަށް މާސްކް ބެހި މައްސަލައިގަ އެވެ. މަހުލޫފް މީގެކުރިން ވަނީ ދެ ދައުވާއެއްގެ ކުށް ސާބިތުވެ 10 މަސް ދުވަހު ޖަލުގައި ވެސް ހޭދަ ކޮށްފަ އެވެ.