ވާހަކަ

އިއުތިރާފު ސިލްސިލާ: މަސްތު

May 22, 2015
1

އަހަރެމެން ދެ މީހުންގެ ޝައުގުވެރިކަން އެންމެފުރަތަމަ ދެ މީހުންނަށް ލިބުނީ އެކުވެރިއެއްގެ ވެޑިން ޕާޓީއެއްގެ ތެރެއިންނެވެ. އޭނާ އަކީ އެ ޕާޓީގެ ބްރައިޑްގެ ކަޒިން އެކެވެ. ތަށްޓަށް ސްޕެގަޓީ އަޅައިގެން އެނބުރިގަތް ވަގުތު އޭނާއާ މުޑިއަރައި އަތުން ކައްސާލައިގެން ދިޔަ ތަށިން އޭނާ އެއްކޮށް ހަރާބުވީ އެވެ. އަހަރެންގެ އަނގައިން ބަސް ހުއްޓުނީ އެވެ.

އެ އެކްސިޑެންޓަށް ހަފުތާއެއް ނުވަނީސް ފޭސްބުކުން އޭނާ އަހަރެން އެޑްކޮށްފި އެވެ. އަހަރެންގެ ފޮޓޯތަކަށް ލައިކްކޮށް ކޮމެންޓް ވެސް ކުރަން ފަށައިފި އެވެ. އަދި އެ ރޭގެ ސްޕެގަޓީ އެކްސިޑެންޓް ތެރެއިން ނަގާފައި ހުރި ފޮޓޯތަކެއް އަޕްލޯޑްކޮށް އެ ފޮޓޯތަކުގައި އަހަރެން ޓެގް ވެސް ކޮށްފި އެވެ. އަދި އަހަރެމެން ދެ މީހުންގެ މި ސަމާސާގައި އެހެން އެކުވެރިން ވެސް ބައިވެރިވާން ފަށައިފި އެވެ. އެކަންވީ އަހަރެމެން ދެ މީހުންގެ ގުޅުން އިތުރު އުސްމިނަކަށް ގެންގޮސް ދިން ކަމަކަށެވެ.

މިއީ އަހަރެމެން ދެ މީހުންގެ ލޯބީގެ ވާހަކައިގެ ފެށުމެވެ. ދެން މި އޮތީ ވެޑިން ޕާޓީއެއްގެ ތެރެއިން މަސްތުގައި ޖެހުނު މި ދެ ލޯބިވެރިންގެ ނިމުމެވެ. އަހަރެމެން ދެ މީހުންގެ ގުޅުން ހަލާކުކޮށް އެންމެފަހުން ދެ މީހުން ދުރުކުރި އެއްޗަކީ މަސްތުވާތަކެއްޗެވެ. އަހަރެން ބޭނުންވި މަސްތުގައި އޭނާ ނުޖެހި އެ ޝައުގުވެރިކަން އެހެން ދިމާލަކަށް ގޮސް ގެއްލުމަކީ ދެ މީހުންގެ ގުޅުމުގައި ފަނި އެޅި ހިސާބެވެ.

އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން އަހަންނަށް އެނގުނީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ. އޭރު އަހަރެމެން ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ވެޑިން ޑްރެސްތައް ބަލައި ޕާޓީ ބާއްވާނެ ގޮތުގެ ރޭވުންތައް ރާވަމުންނެވެ. އެ ހިސާބުން އޭނާ އެކަހެރިކޮށްލަން އަހަރެން ބޭނުންނުވީ އެވެ.

ނަމަވެސް އަހަރެން އެ ހިސާބުން ފެށިގެން އޭނާ އަތުގައި ހިފީ މަސްތުވާތަކެއްޗާ ދުރުވާނެ ކަމުގެ ޔަގީންކަން އޭނާ އަހަންނަށް ދިނުމުންނެވެ. އޭނާ ހަކުރެއް ނުބޮ އެވެ. ބޮނީ ރަލާއި ތެޔޮ ބިޑި އެވެ. މި ވާހަކަ އަހަންނަށް ފަޅާ އެރުމަށް ފަހު އޮތީ އަހަރެމެން ދެ މީހުންގެ މެދުގަ އެވެ. އެއީ އޭނާއާ އެކު އުފާވެރި ހަޔާތެއް ފައްކާކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެން ކަނޑައަޅައިގެން ހުރި އަޒުމެއްގެ ވަރުގަދަކަމުންނެވެ. އޭނާ ރާ ބޯކަން އަހަރެންގެ އާއިލާގެ މީހުންނަށް ނޭނގުނަސް އޭނާގެ އާއިލާގެ ބައެއް މީހުންނަށް އެކަން އެނގެ އެވެ.

ރާ ބޮއެ ތެޔޮ ބިޑި ގޮއްވިޔަސް އޭނާ އަކީ ލޯބި މީހެކެވެ. ލޯބި ކަންތައް ކޮށްދީ އަހަންނަށް ވަރަށް ބޮޑަށް ބަލަ އެވެ.

ނަމަވެސް މަސްތުގެ ހާލަތާ އެކު މި ހުރިހާ ކަމެއްގެ އިދިކޮޅު ވެސް ދައްކަ އެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާ އަކީ ފުރިހަމަ މީހެކެވެ. އެއީ އަހަންނަށް އޭނާ ފެނުނު ގޮތެވެ. ފަހަރެއްގައި މާ ބޮޑަށް ލޯބިވެވުނީމަ އޭނާ އެ ނޫން އެހެން ގޮތަކަށް އަހަންނަށް ނުފެންނަނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް އޭނާ އަކީ ޒިންމާދާރު ވަޒީފާއެއް ވެސް އަދާކުރަމުން ދިޔަ މީހެކެވެ. ފައިސާގެ ތަނަވަސްކަން ވެސް ބޮޑެވެ. އޭނާ އަކީ އެއާޕޯޓް ރެޕެކެވެ.

އަހަރެމެން ދެ މީހުން ކައިވެނިކުރީ ރާ ނުބޯނެ ކަމަށް އޭނާ ވައުދުވެގެންނެވެ. ތެޔޮ ބިޑި ވެސް ހުއްޓާލަން އޭނާ އެއްބަސްވީ އެވެ. އެންމެ ފުރަތަމަ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ. ނުވަތަ އަހަރެންނަށް އޭނާ އޮޅުވައިލީ އެވެ.

ކޮންމެ ގޮތެއް ވިޔަސް ކައިވެންޏަށް ތިން މަސްވީއިރު އޭނާ އަކީ ވަރަށް ވެސް ސާފު މީހެކެވެ. އަހަރެން އެކަމާ އުފާކުރީމެވެ. ނަމަވެސް ޖެހިގެން އައި މަހު އަނެއްކާވެސް އަހަރެމެންގެ ދިރިއުޅުމަށް އޭނާގެ މުޑުދާރުކަން ގެނައީ އެވެ.

މަސްތުވެ ގައިން ވަރުދެރަވެފައި އޮތްވައި އަހަންނަށް އޭނާ ފެނުނީ ފާހާނާ ތެރެއިންނެވެ. އެ ހިސާބުން އޭނާގެ މި ވާހަކަ އަހަރެމެން ދެ މީހުންގެ ދެމެދުގައި ސިއްރެއްގެ ގޮތުގައި އިތުރަށް ބޭއްވޭ ގޮތެއް ނުވި އެވެ. ފާހާނާ ތެރެއަށް ދެމިފައި އޮތް ފިރިމީހާ ފެނި ހަދާނެ ގޮތް ހުސްވެގެން އަހަރެން އެންމެ ފުރަތަމަ ވެސް ގުޅީ ބޭބެއަށެވެ. އަހަރެންގެ ފިރިމީހާ އަކީ ރާބޮއެ މަސްތުވާ އެހެން ބާވަތްތައް ނަގާ މީހެއްކަން ބޭބެއަކަށް ނޭނގޭނެ އެވެ. އޭނާ އަށް އަހަރެން ގުޅީ ފިރިމީހާ އޮތް ހާލު ފެނިފަ އެވެ. އަނެއްކޮޅުން ބޭބެގެ އަންހެނުންނަކީ ނަރުހެކެވެ. އަހަރެން އެދުނީ އޭނާ ވެސް ގޮވައިގެން އައުމަށެވެ. ނަމަވެސް އިތުރު ބަޔަކަށް ނޭންގުމަށް އަހަރެން އެދުނީމެވެ.

ފާހާނާ ތެރެއަށް ފިރިމީހާ ވެއްޓިފައި އޮތީ އޯވަޑޯޒްވެގެންނެވެ. އޭނާ އެ ދުވަހު ސަލާމަތްކުރެވުނީ ކިރިޔާ އެވެ. ނަމަވެސް އޭރު އޭނާ ވަނީ އެހެން ކަމެއްގެ ތެރެއަށް ވަދެފަ އެވެ. ހެރޮއިން އިންޖެކްޓްކުރަން ފެށީ އެވެ. އަހަރެން މަސައްކަތްކުރީ އިތުރު ބަޔަކަށް އެކަން ނާންގައި ވޭތޯ ބެލުމަށެވެ. ނަމަވެސް ބޭބެ އާއި ފަހަރި އަށް ފެނުނު މަންޒަރަށް ފަހު މުޅި މަންޒަރު ބަދަލުވީ އެވެ. އަހަރެންގެ އާއިލާގެ އެހެން މީހުންނަށް ފިރިމީހާގެ އެޑިކްޝަންގެ ވާހަކަ އެނގި އެމީހުން ރަތަށް ވެސް އެރީ އެވެ. މަންމަ އަހަރެމެންގެ ގެއަށް އައުން ވެސް ހުއްޓާލީ އެވެ. އަދި އަހަރެންގެ ފިރިމީހާއާ ވާހަކަ ދެއްކުން ވެސް ހުއްޓާލީ އެވެ. އޭރު އަހަންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ބައެއް މީހުން ބޭނުންވީ އަހަރެން އޭނާގެ އަނދިރި ހަޔާތުން ނުކުންނާށެވެ. ނަމަވެސް އަހަރެން ބެލި ހުވަފެނަކީ އެއީ އެއް ނޫނެވެ.

އަނެއްކާވެސް އާ ފެށުމަކުން އަހަރެން ފެށީމެވެ. އަހަރެން ދެކެ އޭނާ ލޯބިވާވަރު އެނގޭތީ އެވެ. އެ އިހްސާސް ދެ ވަނަ މީހަކަށް ނޭނގޭނެތީ އެވެ. އަދި އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގެ އަސްލު ވެސް ދެން ތިބި މީހުންނަށް ރަނގަޅަށް ތަރުޖަމާކުރަން ނޭނގުނީމަ އެވެ. ރުޅިވުމަކީ ހައްލެއް ނޫނެވެ. އަހަރެން އަލުން މަސައްކަތް ފެށީ އެ ގަބޫލުކުރުމުގެ ދަށުންނެވެ.

އަހަރެން ދެން ނިންމީ އޭނާއާ އެކު ދަރިއަކު ހޯދާށެވެ. އާއިލާ ތެރޭގައި މައްސަލަ އިތުރަށް ހޫނުވި އަނެއް ސަބަބަކީ މިއީ އެވެ. ފިރިމީހާގެ އަސްލު ސޫރަ ފެނުމުން އޭނާގެ ދަރިއަކަށް އަހަރެންގެ ބަނޑުބޮޑުވާން އާއިލާގެ އެއްވެސް މީހަކު ބޭނުމެއް ނުވި އެވެ. ބައެއް މީހުން އަހަރެންގެ މޫނު މަތީގައި އެހެން ބުންޏަސް ގިނަ މީހުން ތިބީ އެކަން ފާޅުނުކޮށެވެ.

އެކަމަކު ވެސް އެ މީހުން ތިބި ގޮތް އަހަންނަށް އެނގެ އެވެ. ފިރިމީހާގެ އަސްލު އެނގުނުއިރު އަހަންނަށް ދަރިއަކު ލިބިފައި ނެތުމުން ގިނަ މީހުން ތިބީ އުފަލުންނެވެ. އެފަދަ މީހަކާ އެކު ދަރިއަކު ހޯދައިފި ނަމަ ވާނެ ގޮތް އެމީހުންނަށް ކިތަންމެ ރަނގަޅަށް ވެސް އެނގޭނެތީ އެވެ. އަހަންނަށް ވެސް އެކަން އެނގެ އެވެ. ނަމަވެސް އަހަރެން ވިސްނީ އެހެން ގޮތަކަށެވެ. ދަރިއަކު ހޯދައިގެން، ލޯބިވާ ފިރިމީހާ އަށް ވެސް ރަނގަޅު މަގު ހޯދައިދޭށެވެ. އެހެންވެ ބަލިވެއިންތާ މަސް ދުވަސްވީއިރު ވެސް އަހަރެން ހުރީ އެކަން މަންމަމެންނަށް ސިއްރުކޮށްގެންނެވެ. ނަމަވެސް ބޮޑުވަމުންދާ ބަނޑެއް ސިއްރުކުރަން ކުރެވޭނީ ވެސް ވަކި ކީއްހެއްޔެވެ؟

އެކަން ސިއްރުކުރުމުން މަންމަމެން ވަރަށް ރުޅި އައެވެ. ނަމަވެސް އެންމެފަހުން މަންމަގެ އަތު ތެރެއަށް އަހަރެން ގެންދިޔައީ އެވެ. އާއިލާ އިން ބޭނުންވީ އެމީހުންގެ ގާތަށް އަހަރެން ބަދަލުވުމަށެވެ. މައްސަލަ އަލުން ހޫނުވީ އެވެ. މަންމަމެން ގާތަށް އަހަރެން ގެންދަން އުޅޭކަން ފިރިމީހާ އަށް އެނގިގެން އޭނާ މައްސަލަ އިތުރަށް ހޫނުކޮށްލީ އެވެ. އޭރު އަހަރެންގެ އާއިލާއާ އޭނާއާ ދެމެދު އޮތީ ވަރަށް ބޮޑަށް މައްސަލަ ވެސް ޖެހިފަ އެވެ. އޭނާއާ ކިރިޔާ ވެސް އަނގައިން ބުނާ މީހަކީ ބޭބެ އެވެ.

ފިރިމީހާގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އަހަރެންގެ ގަޔަށް އަމާޒުވި ދުވަހަކީ މަންމަމެން ބޭނުންވާ ގޮތަށް އެމީހުން ގާތަށް ދާން އުޅޭ ވާހަކަ ބުނި ދުވަހެވެ. އޭގެ ކުރިން ދުވަހަކު ވެސް އޭނާ އަހަންނާ ދިމާލަށް އަތް އިސްކޮށްފައެއް ނުވެ އެވެ.

އެ ދުވަހު އަހަރެން ވަރަށް ގަދަ އަށް ރުއީމެ އެވެ. ބޮޑަށް ދެރަވީ ހަމަހޭގައި ހުރެ އޭނާ އަހަންނަށް ހަމަލާ ދިނުމުންނެވެ.

ފަހަރެއްގައި މާ ހެޔޮއެދޭ މީހަކަށް ހެދިގެން އޭނާ ލައިގެން ހުރި ހެދުމަކީ ފޭކެކެވެ. އެ ދުވަހުކުރި އަނިޔާ ފަހުން ސިލްސިލާއަކަށް ބަދަލުވީ އެވެ. އަދި ހޭގައި ހުއްޓަސް، ނެތަސް އޭނާގެ ލޯބިކަން ކެނޑި އަނިޔާވެރިއަކަށް މަޑުމަޑުން ބަދަލުވާން ފެށީ އެވެ.

މަންމަމެން އަހަރެމެން ދެ މީހުންގެ ދެމެދަށް ވަނީ އޭނާ ދިން އަނިޔާތަކުގެ އަސަރު އަހަރެންގެ ބަނޑުގައި އޭރު އޮތް ދަރިފުޅަށް ކުރި ހިސާބުންނެވެ. އެއީ އަމަލުވެގެން އޭނާ ގެއަށް އައި ރޭގަނޑެކެވެ. އަހަރެން އޭނާއާ ކުރިމަތިލުމުން އަހަރެން ގައިގައި ނިކަން ގަދައަށް ތަޅާލީ އެވެ. އޭރު ބަނޑަށް ފަސް މަހެވެ. އަހަންނަށް ލިބުނު އަނިޔާތަކަށް ފަހު ހޭއެރީ ހޮސްޕިޓަލަކަށް ނޫނެވެ. އަހަރެން ގައިގައި ތަޅައި ދަންމާލި ކޮޓަރި ތެރެއަށެވެ. ބަނޑުގައި އޮތް ދަރިފުޅު މަރުވިކަން އެނގުނީ ޖެހިގެން އައި މަހު އެވެ.

ލިބުނު ހިތާމަ ކިތަންމެހާ ވެސް ބޮޑެވެ. އަހަރެން ކުރި ހުރިހާ އުއްމީދެއް ގެއްލުނީ އެވެ. ބެލި ހުވަފެންތަކުން ހޭލެވުނީ އެވެ. ހަގީގަތުގައި އޭނާ އަހަރެން ހޭލައްވާލީ އެވެ. އަހަރެން ނިންމީ އެންމެފަހުން އޭނާ ދޫކޮށް އާއިލާ މީހުންގެ ގާތަށް ދިއުމަށެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާ އަށް ފައްކާކުރި ލޯބި އަދިވެސް މަރެއް ނުވެ އެވެ. އާއިލާ މީހުން ބޭނުންވިޔަސް އޭނާގެ މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށަނޭޅުނީ ފަހަރެއްގައި އެ ސަބަބާ ހެދި އެވެ. ނަމަވެސް އަހަރެމެން ވަރިވިތާ މިހާރު ހަތަރު އަހަރެވެ. އަހަރެން މި ދަނީ އެ ހަނދާންތަކުން ނުކުމެ އާ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންނެވެ. އަހަރެންގެ ދިރިއުޅުމަށް ދިމާވި ފަދަ ހާދިސާއެއް ދެ ވަނަ އަންހެނަކަށް ދިމާނުވުމަށް އެދި ދުއާކުރާ ހާލުގަ އެވެ.