މުހައްމަދު އިސްމާއީލް

May 12, 2018
12

ރޯދަ މަހުގެ އަޅުކަމުގައި މިސްކިތުގައި ގިނަަ ވަގުތު ހޭދަކޮށް އަންނަ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުވޭތޯ ހެޔޮ ދުއާ ކޮށްދިނުން އެއީ ގައުމަށް ކޮށްދެވޭނެ ބޮޑު މަސައްކަތެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެ، އެކަމަށް ގޮވާލައްވައިފި އެވެ.

ޕީޕީއެމް އިން ރޭ ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މަސްވަރަކަށް ވާތީ އެންމެންވެސް މިސްކިތުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާނެ ކަމަށާއި ރޯދައިގެ އަޅުކަމުގެ ތެރޭގައި ރައީސް ޔާމީނަށް 2018 އިގެ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ހެޔޮ ކުރުމަށް އޭނާ އާންމުންގެ ކިބައިގެން އެދި ވަޑައިގަންނަވާ ކަމަށާއި ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައި ދިނުން ކަމަށާއި އަޅުކަމުގެ މަސްސަރެއްގައި އެފަދަ ދުއާ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެންމެވެސް ހަތިމެއް ކުރުމަށް ފަހު ވެސް ރައީސް ޔާމީން ވެރިކަމަށް އާދެވޭނެ ހުރިހާ މަގެއް ތަނަވަސްކޮށްދިނުމަށް ދުއާ ކުރަން ޖެހޭނެ ކަމަށެވެ.

"ރޯދަ މަހަކީ އަޅުކަމުގެ މަސްވަރަކަށްވާތީ ކޮންމެ ބޭފުޅަކު ވެސް މިސްކިތުގައި ގިނަ ވަގުތު ހޭދަ ކުރައްވާ 2018 އިގެ އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމަށް އެދި ދުވާ ކުރައްވާ! މިއީ ގައުމަށާއި ރައީސް ޔާމީނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ، އަދި މުސްލިމުން ގޮތުގައި ތިބެ ރައީސް ޔާމީންއަށް ހެޔޮ ދުއާކޮށް 2018 އިގެ އިންތިހާބު ކާމިޔާބު ވާނެ ހުރިހާ މަގަކުން މަސައްކަތް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީގެ މެންބަރު ވިދާޅުވީ ރައީސް ޔާމީން އެންމެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދީފައި ވަނީ އިދިކޮޅުގައި ތިބި ވެރިކަންކުރައްވާފައިވާ ފަރާތްތަކުގެ ހުރިހަ ދައުރެއް އެއްކޮށްލައިގެން ވެސް ނުގެނެވުނުހާ ބޮޑު ތަރައްގީއެއް ކަމަށެވެ. އަދި ގައުމަސް ހެޔޮ އެދި ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަން ބޭނުން ނަމަ އެމަނިކުފާނަށް ވޯޓު ދެއްވަން ޖެހޭ ކަމަށެވެ.

އަންނަ އިންތިހާބުގައި 50 ޕަސަންޓުގެ އިތުރުން އެއް ޕަސަންޓެއް ލިބިގެން ރައީސް ޔާމީން އިންތިހާބުވާން ބޭނުން ނުވާ ކަމަށާއި ބޭނުން ވަަނީ 75 ޕަަސަންޓް ނުވަަތަ އެއަށް ވުރެ ބޮޑު އަދަދަކުން އެމަނިކުފާނު އަންނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.