ބޮލީވުޑް

އައިޝްވާރިޔާގެ ފުރަތަމަ އިންސްޓަގްރާމް ޕޯސްޓް!

ސޯޝަލް މީޑިއާއާއި ވަރަށް ދުރުގައި އުޅުމަށްފަހު ބޮލީވުޑްގެ ބަތަލާއި އައިޝްވާރިޔާ ރާއީ ބައްޗަން އޭނާގެ އަމިއްލަ އިންސްޓަގުރާމް އެކައުންޓެއް ހުޅުވައިފި އެވެ.

މަދު މީހެއް ފިޔަވާ މަޝްހޫރު ގިނަ މީހުން ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ ފޭން ބޭސް ބޮޑުއިރު ނުފޫޒު ވެސް ގަދަ އެވެ. އެކަމަކު މިއަދާ ހަމައަށްވެސް ރަސްމީކޮށް އައިޝްވާރިޔާ އެއްވެސް ސޯޝަލް މީޑިއާއެއް ބޭނުން ކޮށްފައެއް ނުވެ އެވެ.

އައިޝްވާރިޔާ އަމިއްލަ އިންސްޓަގުރާމް އެކައުންޓެއް ހުޅުވީ އިއްޔެ އެވެ. އޭނާ މިހާރު ވަނީ އިންސްޓަގުރާމްގައި ފުރަތަމަ ޕޯސްޓު ވެސް ކޮށްފަ އެވެ.

ފުރަތަމަ ޕޯސްޓެއްގެ ގޮތުގައި އައިޝްވާރިޔާ ޕޯސްޓުކޮށްފައި ވަނީ އޭނާއާއި ދަރިފުޅު އަރަދްޔާގެ ފޮޓޯއެކެވެ. އެ ފޮޓޯގައި ކެޕްޝަންއަކަށް ޖަހާފައި ވަނީ "އަހަރެން އަލުން އުފަންވީ" އެވެ.

އައިޝްވާރިޔާ މިހާރު ތައްޔާރުވަމުން އަންނަނީ 71 ވަނަ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓަށެވެ. ރޭޑް ކާޕެޓުގައި އޭނާ ހިނގާނީ މާދަމާ އެވެ.

އަންނަ ޖުލައި މަހު 13 ގައި އައިޝްވާރިޔާގެ އާ ފިލްމު "ފަންނޭ ހާން" ވެސް ރިލީޒްކުރާނެ އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ އަނިލް ކާޕޫރްއާއި ރާޖްކުމާރް ރާއޯ އާއެކު އެވެ.