ބޮލީވުޑް

ވަރީގެ ޕޯސްޓަކަށް އަބީޝެކް ލައިކް ދީފި

އަބީޝެކް އާއި އައިޝްވާރިޔާ ވަކިވުމުގެ ވާހަކަ ދެކެވޭތާ މިހާރު މަސްތަކެއް ފާއިތުވެއްޖެ އެވެ. މި ދެ މީހުންގެ އުޅުން މިހާރަކަށް އައިސް ހުންނަ ގޮތުން މައްސަލަތަކެއް އުޅޭކަން އާންމުންނަށްވެސް އެނގެ އެވެ.

އިންޑިއާގައި މިދިޔަ ހަފްތާގައި ނިމިގެން ދިޔަ ބިލިއަނަރު މުކޭޝަން އަމްބާނީ ހަގު ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނި ހަފްލާގައިވެސް އަބީޝެކް ބައިވެރިވީ އޭނާގެ އާއިލާއާ އެކު އެވެ. އެކަމަކު އައިޝްވާރިޔާ އެ ހަފްލާއަށް ގޮސް ފޮޓޯވެސް ނެނގީ އަންހެން ދަރިފުޅާ އެކު އެވެ. އަބީޝެކެއް އެ ވަގުތު އެ ތަނުގައިވެސް ނެތެވެ.

އަބީޝެކާއި އައިޝްވާރިޔާގެ ވަރީގެ އަޑު އަނެއްކާވެސް ގަދަވީ "އިންޑިއަން އެކްސްޕްރެސް"ގެ މެގަޒިންއެއްގައި މަސައްކަތްކުރާ ނޫސްވެރިޔަކު ލިޔުނު އާޓިކަލެއް އިންސްޓަގްރާމުގައި ޝެއާ ކުރުމުގެ ގޮތުން އޭނާ ޖެހި ޕޯސްޓަކަށް އަބީޝެކް ލައިކް ދިނުމުންނެވެ.

މި ޕޯސްޓްގައި ބުނެފައިވަނީ "ލޯބިވުން ހުއްޓޭ ހިނދު، ގިނަ ދުވަސްތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުނު ދެމަފިރިން މިހާރު ވަކިވަނީ ކަމަށެވެ. އަދި "އެމީހުންގެ ނިންމުމަށް ބާރުއެޅީ ކޮން ކަމެއްތޯއާއި ވަރިތައް އިތުރުވަމުންދަނީ ކީއްވެގެންތޯ"އޭ ބުނެ ސުވާލުވެސް އުފައްދާފައިވެ އެވެ.

މި ޕޯސްޓަށް އަބީޝެކް ލައިކް ދިނުމާ އެކު ސޯޝަލްމީޑިއާގައި އަބީޝެކާއި އައިޝްވާރިޔާގެ ވަރީގެ އަޑު މިހާރު ވަނީ ގުގުމާލާފަ އެވެ. ނަމަވެސް މި ދެ ތަރިން މިހާތަނަށްވެސް މިކަމުގައި އެއްޗެއް ނުބުނެ އެވެ.

އަބީޝެކާއި އައިޝްވާރިޔާ ކައިވެނި ކުރީ އެޕްރީލް 20، 2007 ގައެވެ.