ބޮލީވުޑް

އައިޝްވަރިޔާ އާއެކު ޝާހިދުގެ "ތާލް" ތަޖުރިބާ

އައިޝްވަރިޔާ ރާއީ ބަތަލާގެ ބައި ކުޅުނު "ތާލް"ގައި ބެކްގްރައުންޑް ޑާންސަރެއްގެ ގޮތުގައި ޝާހިދު ކަޕޫރު މަސައްކަތް ކޮށްފައި ވެއެވެ. ޝާހިދަކީ އެކްޓަރަކަށް ވުމުގެ މާކުރިން ނެށުމުގެ ރޮނގުން ވަރަށް ފާހަގަކޮށްލެވޭ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ.

އައިޝްވަރިޔާ އާއެކު "ތާލް"ގައި މަސައްކަތްކުރި ދުވަސްތައް ހަނދާންކުރަމުން ޝާހިދު ބުނީ އެއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ ދެރަވި ދުވަސްތައް ކަމަށެވެ.

އައިޝްވަރިޔާ އާއެކު ޝާހިދު އެ ފިލްމުގެ ނެށުންތަކުގައި ބައިވެރިވިކަން އެނގެނީ މަދު ބަޔަކަށެވެ. ކަން ދިމާކުރި ގޮތުން އައިޝްވަރިޔާ އާއެކު އޭނާ ޝޫޓްކުރަން އޮތް އެންމެ މުހިއްމު ލަވައިގެ ޝޫޓިން އޮތް ދުވަހު އޭނާއަށް އެކްސިޑެންޓެއް ދިމާވެ ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ.

"އަހަރެން އޭރު ދުއްވަނީ މޮޓޯސައިކަލެއް. އެ ދުވަހު އަހަރެން ސައިކަލުން ވެއްޓި ވަރަށް ބޮޑަށް އަނިޔާވި. ފިލްމު ސެޓަށް އަހަރެންނަށް ދާން ޖެހުނީ ވެއްޓިގެން ލިބުނު އަނިޔާތަކާ އެކު. އަދި އައިޝްވަރިޔާ އާއެކު ނެށުމުގައި ބައިވެރިވެފައިވަނީ ވެސް އެހާ އަނިޔާ ލިބިފައި ހުރެގެން. އެހެންވެ މިބުނަނީ އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ ދެރަވި ދުވަހޭ،" ޝާހިދު ބުންޏެވެ.

"ދިލް ތޯ ޕާގަލް ހޭ"ގައި ކަރިޝްމާ ކަޕޫރާ އެކުވެސް ބެކްގްރައުންޑް ޑާންސަރެއްގެ ގޮތުގައި ޝާހިދު ނަށާފައި ވެއެވެ. ނަމަވެސް އެ ހަނދާންތައް ޝާހިދަށް އެހާ އުފާވެރިއެއް ނޫނެވެ.

ޝާހިދު ބުނި ގޮތުގައި "ދިލް ތޯ ޕާގަލް ހޭ" އަކީ ވަރަށް ހިތްބިރުގަނެ ހާސްވާން ޖެހުނު ފިލްމެކެވެ. އެހެންވެ އެ ފިލްމުގެ ހަނދާންތައް އެހާ ކުރާހިތެއް ނުވެ އެވެ.

"އަހަރެންގެ ބޮލުގެ އިސްތަށިތައް އިރުކޮޅަކާ މޫނުމައްޗަށް ވެއްޓެމުންދިޔަ. އެހެންވެ މުޅި ޝޮޓް ކޮންމެ ފަހަރަކު ހަލާކުވޭ. އެއީ ޑާންސް މާސްޓަރު ޝާމަކް ދާވަރްގެ ޑާންސް ގްރޫޕާ އަހަރެން ގުޅުނުތާ ވަރަށް ކުރީކޮޅު. އަދި އޭރު އަހަރެން ވަރަށް އުމުރުން ހަގު. އެހެންވެ ގޯހެއް ހެދިދާނެތީ އަހަރެން އަބަދު ހާސްވެފައި ހިތްބިރުގަނެފައި ހުންނަނީ،" ޝާހިދު ބުންޏެވެ.

ބަތަލެއްގެ ގޮތުގައި ޝާހިދު ބޮލީވުޑަށް ތައާރަފްވީ 2003ގައި ރިލީޒްކުރި "އިޝްގް ވިޝްގް" އިން އަމްރިތާ ރާއޯ އާއެކުގަ އެވެ. އޭރު ޝާހިދަށް 22 އަހަރެވެ.