މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އާންމުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ނަރުހުން ކަމަށާއި އެހެންކަމުން ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާއިރު ނަރުހުން ބައިވެރި ކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ މިއަދުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ނަރުހުންނަށް ފޮނުވާފަ އެވެ. އަދި ނަރުހުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ޝުކުރު އަދާކޮށްފަ އެވެ.
އިންސާނިއްޔަތަށް ނަރުހުން ކޮށްދޭ މަސައްކަތް ފާހަގަކޮށްފައިވާ އެ ބަޔާނުގައި ބުނީ، ނަރުހުންނަކީ ވަކި ނަސްލެއް ތަފާތުކުރުމެއް ނެތި ދިމާވާ ކޮންމެ ބަލި މީހެއްގެ އުފަލާ ހިތާމައިގައި ބައިވެރިވެ، އާންމުންގެ ރައްކާތެރިކަމަށް އެންމެ ގާތުން މަސައްކަތްކުރާ ފަރާތް ކަމަށެވެ. އެހެންކަމުން ނަރުހުންނަށް ވެސް އެފަދަ ރައްކާތެރިކަމާއި މުހިއްމުކަން ދޭންޖެހޭ ކަމަށެވެ.
އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ތިބޭ ބަޔަކަށް ނަރުހުން ވާއިރު ސިއްހީ ދާއިރާގެ މުހިއްމު ސިޔާސަތުތައް ކަނޑައަޅާއިރު ނަރުހުން ބައިވެރިކުރަންޖެހޭ ކަމަށް ވެސް ހެލްތުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ސިއްހީ ދާއިރާއަށް ތަފާތު ގޮންޖެހުންތައް އިތުރުވާ މި މުޖުތަމައުގައި ހާއްސަ ދާއިރާތަކަށް ނަރުހުން ތަމްރީންވެފައި ތިބުމަކީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމެއް،" މިނިސްޓޤރީން ބުންޏެވެ.
މުޖުތަމައުގެ މުހިއްމު ޒިންމާއެއް ނަރުހުން އަދާކުރާއިރު، ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލައި ނަރުހުންގެ ދާއިރާ ކުރިއަރުވަން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހިފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހާރަށްވުރެ ގިނައިން ނަރުހުން ތަމްރީނުކޮށް ދާއިރާއަށް ނެރުމުގެ މުހިއްމުކަން އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ ނަރުހުންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން ފެށީ 1965 ވަނަ އަހަރުން ފެށިގެންނެވެ. ނަރުހުންގެ ދުވަސް ހާއްސަ ވަނީ ޒަމާނީ ނަރުހުންގެ ހިދުމަތުގެ ބާނީގެ ގޮތުގައި މަޝްހޫރުވެފައިވާ ފްލޮރެންސް ނައިޓިންގޭލް އަށެވެ.