ގައުމީ ޑިސްކު ރިހާކުރު ދުވަސް ފާހަގަކުރީ އިއްޔެ އެވެ. ޓުވިޓާގައި އިއްޔެ އެންމެ ހިނގީ DiskuRihaakuruDay# އެވެ.
އެކި މީހުން ހެނދުނުގެ ސަޔަށް ޑިސްކާއެކު ރިހާކުރު ކާ ފޮޓޯތަކުން ޓުވިޓާ ފުރާލި އެވެ. ކަލަންޑަރުގައި ލިޔެވިފައި ނެތް ދުވަހަކަސް ރަހަމީރުކޮށް މި ދުވަސް ފާހަގަކޮށް ބަޔަކު މަޖާވެސް ކޮށްފި އެވެ.
މި ދުވަސް ފާހަގަކުރުމުގެ މޭސްތިރިއަކީ ޓުވިޓާގައި "ފޮނިލުނބޯ" ގެ ހޭންޑަލްގައި އުޅޭ މޫސަލް މުއީން އެވެ. މިއީ އޭނާގެ 30 ވަނަ އުފަން ދުވަސް ތަފާތު ކޮށްލުމަށް ކުރި ކަމެކެވެ. ފުރަތަމަ މަޖަލަކަށް ކުރަން ނިންމި ކަމަކަށް ވިޔަސް ގިނަ ބަޔަކަށް މިކަން ކަމުގޮސް ވައިގައި ހިފީ އެވެ.
"ފުރަތަމަ މަޖަލަކަށް ޓުވީޓުކުރީ ގައުމީ ޑިސްކު ރިހާކުރު ދުވަހެއް ފާހަގަކުރަން ހިނގާށޭ ކިޔާފަ. މީހުނަށް އެކަން ސަޅި ކަމަކަށްވީ." މި މަހު 11 ވަނަ ދުވަސް އެއީ ޑިކްސް ރިހާކުރު ދުވަސް ކަމުގައި އޭނާ އިއުލާނުކުރި އެވެ.
"އެންމެ ގިނަ ބައެއްގެ ސަމާލުކަން މިކަމަކަށް ލިބުނީ ޕޯސްޓަރު ލީ ހިސާބުން ފެށިގެން." މުޅި ސޯޝަލް މީޑިއާގައި އިއްޔެ ވަކި ހިތްޕާލާފައި އޮތީ މި ޕޯސްޓަރެވެ.
ގިނަ ބަޔަކު މި ދުވަސް ފާހަގަކުރުމުގައި ބައިވެރިވިއިރު، ސައި ހޮޓާތަކާއި މަޝްހޫރު ރެސްޓޯރެންޓުތަކުގައިވެސް އިއްޔެގެ ހެނދުނުގެ ސައި ހާއްސަވެފައި އޮތީ ޑިސްކާއި ރިހާކުރަށެވެ.