ތިޔަ ފެންނަ ފޮޓޯއަކީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އެ ހޮސްޕިޓަލުގެ ނަރުހުންނަށް ތައާރަފްކުރި "ސްކްރަބް" ހެދުން ނުވަތަ ޔުނީފޯމެވެ. ރާއްޖޭގެ ސިއްހީ ދާއިރާއިން މިހާތަނަށް ނުފެންނަ ތަފާތު ތީމަކަށް ތައްޔާރުކޮށްފައިވާ މި ޔުނީފޯމަކީ އެ ހޮސްޕިޓަލުގެ ނަރުހުންގެ ރަސްމީ ޔުނީފޯމެއް ނޫނެވެ. މިއީ ޕޭޝަންޓް ކެއާގެ ހިދުމަތްތައްކުގައި އުޅޭ އިރު ހޮސްޕިޓަލްގެ ތެރޭގައި މީގެ ފަހުން ނަރުހުން ލާންޖެހޭ ސްކްރަބެކެވެ.
މަޑު ނޫކުލައަކާއި ވިލު ނޫކުލައެއްގެ ފޭޑެއް ހުރި އެ ޔުނީފޯމްގެ ތަފާތަކީ ހެދުމުގެ ޑިޒައިންގައިވާ މާތަކެވެ. މަޑު ނޫކުލައިގެ މާތަކެއް ޔުނީފޯމްގެ މަތީބައިގެ ފަސްބާއާއި މޭ މަތީގައި އެއް ފަރާތަކަށް ވާގޮތަށް ކުރަހާފައިވެ އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އަވަސް އަށް ވިދާޅުވީ، މިއަދު އަލަށް ނެރުނީ އައިޖީއެމްއެޗްގެ ނަރުހުންނަށް އާ ސްކްރަބެއް ކަމަށެވެ. މި ޔުނީފޯމް ނަރުހުން ލާނީ ހަމަ އެކަނި ހޮސްޕިޓަލުގެ ތެރޭގައި ކަމަށެވެ. އާ ސްކްރަބް ތައާރަފްކުރުމުގައި އެންމެ ބޮޑަށް އިސްކަމެއް ދީފައިވަނީ ބަލިމީހުންނަށް ހިދުމަތްދޭއިރު ނަރުހުންގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ އިތުރުން އެ ހެދުމުގެ ސަބަބުން ނަރުހަށާއި ބަލިމީހާއަށް ހިތްހަމަޖެހުން ގެނައުމަށް ކަމަށް ފަރުހަތު ވިދާޅުވި އެވެ.
"ފްލޯރަލް ތީމަކަށް މި ޔުނީފޯމް ގެނެސްފަ މި ވަނީ ރާއްޖެއާ ގުޅުވާލުމުގެ ގޮތުން. ރާއްޖެއަކީ ވަރަށް ފެހި އަމާން ލައިވްލީ ތަނެއް. މި ޔުނީފޯމުންވެސް ހާމަކޮށްދެނީ އެފަދަ އަމާންކަމެއް. މާ ބޭނުންކޮށްފަ މިވަނީ. ދެން ހަމަ އެއާއެކު ހިދުމަތްދޭ ގިނަ ނަރުހުންނަކީ އަންހެން ބޭފުޅުން. މިކަހަލަ ވަރަށް ގިނަ ވިސްނުންތަކެއް ގެންގުޅެފަ އެ ވަނީ،" ފަރުހަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗަކީ ގިނަ އަދަދެއްގެ ބަލިމީހުންނަށް 24 ގަޑިއިރު ހިދުމަތްދޭ ހޮސްޕިޓަލަކަށް ވާއިރު، މި ޔުނީފޯމްގެ ހިތްގައިމުކަމާ އެއްވަރަށް ނަރުހުންގެ އަހުލާގުން ވެސް އެ ބަދަލު ދައްކަން މަސައްކަތް ކުރާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.
އަލަށް މިއަދު ތައާރަފްކުރި ސްކްރަބްގައި ނަރުހުންނަށް ހޮސްޕިޓަލުން ބޭރުގައި ނޫޅެވޭނެ އެވެ. އެހެންކަމުން ނަރުހުން މިހާރު ގެއިން ޑިއުޓީއަށް ދާނީ ކުލަ ހެދުމުގަ އެވެ. ސްކްރަބް ލާނީ ހޮސްޕިޓަލަށް ދިއުމަށްފަހު އެވެ. މިއީ ބައެއް ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އޮންނަ އުސޫލެކެވެ.
ފަރުހަތު ވިދާޅުވީ މި އާ ސްކްރަބާ އެކު އަނެއްކާވެސް އެ ހޮސްޕިޓަލްގެ ނަރުހުންނަށް އާ ރަސްމީ ޔުނީފޯމެއް ތައާރަފްކުރާނެ ކަމަށެވެ. އަލަށް ތައާރަފްކުރާ ޔުނީފޯމް މި ރޯދަމަހުގެ ތެރޭގައި ނެރޭނެ ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.
މިހާރު އެ ހޮސްޕިޓަލްގެ ނަރުހުންގެ ރަސްމީ ޔުނީފޯމެއްގެ ގޮތު ބޭނުންކުރަނީ މަޑު ނޫކުލައިގެ ޕްލެއިން ޔުނީފޯމެކެވެ. އެއީ އެންމެ ކުރިން އެ ހޮސްޕިޓަލުން ބޭނުންކުރަމުން އައި ހުދު ޔުނީފޯމް ބަދަލުކޮށް 2016 ވަނަ އަހަރު ތައާރަފްކުރި ޔުނީފޯމެކެވެ.