ހޮލީވުޑް

ގިނަ ސީރީޒްތަކެއް ކެންސަލްކޮށްފި

ގިނަ އަދަދެއްގެ އެމެރިކަން ޓީވީ ސީޒީތަކެއް އިތުރު ސީޒަނަކަށް ރިނިއުނުކޮށް މިހާރު އަންނަނީ ކެންސަލުކުރަމުންނެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ފޭނުން ވަނީ ސީރީޒްތައް ގެނެސްދޭ ނެޓްވޯކްތަކާއި މެދު ހިތްހަމަނުޖެހިފަ އެވެ.

ކެންސަލުކުރި ސީރީޒްތަކުގެ ތެރެއިން ފޮކްސް ނެޓްވޯކުން ގެނެސްދޭ ސީރީޒްތަކުގެ ތެރޭގައި ހިމެނެނީ "ބްރޫކްލިން ނައިން ނައިން"، "ދަ މިކް"، "ލުސިފާ"، "ދަ ލާސްޓް މޭން އޮން އާތް" އަދި "ދަ އެގްޒޯސިސްޓް" އެވެ.

"ބްރޫކްލިން ނައިން ނައިން" ކެންސަލުކުރުމާއި ގުޅިގެން ފޭނުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަނިކޮށް މިއަދު އެ ސީރީޒް ވަނީ އެހެން ނެޓްވޯކަކުން ހަ ވަނަ ސީޒަނަަކަށް ރިނިއުކޮށްދީފަ އެވެ. މި ސީރީޒްގެ ހަވަ ސީޒަން ގެނެސްދޭނީ އެންބީސީ ނެޓްވޯކުންނެވެ.

އެބީސީ ނެޓްވޯކުން ގެނެސްދޭ ސީރީޒީތަކުގެ ތެރެއިން ކެންސަލުކުރީ ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ "ކުއެންޓިކޯ" އާއި "ޑެޒިގްނޭޓެޑް ސަވައިވާ"، "އެލެކްސް އިންކް"، "އިންހިއުމަންސް"، "ޑިސެޕްޝަން". "ދަ ކްރޮސިން" އަދި "ކެވިން ޕްރޮބެބްލީ ސޭވްސް ދަ ވޯލްޑް" އެވެ.

އެންބީސީ އިން ކެންސަލުކުރި ސީރީޒްތަކުގެ ތެރޭގައި "ޓެކެން"، "ގްރޭޓް ނިއުސް" އަދި "ދަ ބްރޭވް" ހިމެނެ އެވެ.

"ޕްރިޓީ ލިޓުލް ލަޔާސް" އިން ބޮޑު މަގުބޫލަކެއް ހޯދި އެކްޓްރެސް، ލޫސީ ހޭލް ފެނިގެންދާ ސީރީޒް "ލައިފް ސެންޓެންސް" ސީޑަބްލިއު ނެޓްވޯކުން ވަނީ ކެންސަލުކޮށްފަ އެވެ. މި ސީރީޒް ފެށީވެސް މިއަހަރު އެވެ. ސީޑަބްލިއުން އިން ވަނީ "ވެލޯރް" ވެސް ކެންސަލުކޮށްފަ އެވެ.

ވެރައިޓީ އިން ރިޕޯޓުކުރި ގޮތުގައި މިހާ ގިނަ ޝޯތަކެއް އެއްފަހަރާއި ނެޓްވޯކުތަކުން ކެންސަލްކުރީ ކުރިއަށް އޮތް އެނުއަލް އަޕްފްރޮންޓް ޕްރެޒެންޓޭޝަންއަށް ތައްޔާރުވުމަށް ކަމަށް ބެލެބޭ ކަމަށެވެ. ނިއު ޔޯކުގައި އޮންނަ އެ ހަފްލާއަކީ ނެޓްވޯކުތަކުން ފައިސާ ހޯދުމަށް އިޝްތިހާރު ކުރުމަށް ވިިޔަފާރީވެރިންނާއެކު މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަފްލާއެކެވެ.

ހޮލީވުޑް ރިޕޯޓާއިން ހާމަކުރި ގޮތުގައި ފޮކްސް ނެޓްވޯކުން ގިނަ ޝޯތަކެއް ކެންސަލުކުރީ އެ ނެޓްވޯކުން އެންޕީއެލް އެމެރިކަން ފުޓުބޯޅަ ލީގު ދެއްކުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މެޗުތައް ދެއްކުމަށް ވަގުތު ހެދުމުގެ ގޮތުން ކަމަށެވެ.