ހަބަރު

މިފަހަރު އާޒިމާގެ ލަފައެއް ނޫން، ލަވައެއް!

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި އެންމެ އުނދަގޫ އަދި އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ އެއް ވަޒީރަކަށް ވާނީ ޔަގީނުން ވެސް އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ. އެކަމަނާގެ މަސައްކަތުގެ ދާއިރާއާ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ސަރުކާރުން ނިންމާ ބޮޑެތި ނިންމުންތަކުގައި އެންމެ ބޮޑު ފާޑުކިޔުމެއް ވެސް އަމާޒުވަނީ އާޒިމާ އަށެވެ. އެހެން ނަމަވެސް މިފަހަރު މިއޮތީ ލީގަލް އެފެއާޒް މިނިސްޓަރުގެ ލަފައެއް ނޫނެވެ. އެކަމަނާގެ އަޑުން ވަރަށް ލޯބި ހިތްގައިމު ލަވައެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ހުސެން ސޮބާހްގެ ވީޑިއޯ ލަވައެއް ވަރަށް ފަހުން މި ވަނީ ޔޫޓިއުބަށް ލާފަ އެވެ. މީގައި ކިޔުންތެރިންނަށް އޮތީ ހަމަ ބޮޑު ސަޕްރައިޒެކެވެ. ކުރިން ވަރަށް މަޝްހުރުވި "ކައިވެނީގެ އަމާޒު" ލަވައިގެ އާ ލަވައިގެ އަންހެން ލަވަކިޔުންތެރިއަކީ ލީގަލް އެފެއާޒް މިނިސްޓަރު އަދި މަޝްހޫރު ގާނޫނީ ވަކީލާ އާޒިމާ ޝަކޫރެވެ. ފަހަރުގައި އާޒިމާގެ ޝަހުސިއްޔަތާ އެކަމަނާގެ ސީރިއަސް އޮން ސްކްރީން އިމޭޖްގެ ސަބަބުން މިކަން ގަބޫލުކުރަން ދަތިވެދާނެ އެވެ. ލަވައާ ބެހޭގޮތުން އާޒިމާއާ ސުވާލުކުރުމުގެ ކުރިން "ކަމަނާ ލަވައެއް ކިޔުއްވިން ހެއްޔޭ،" ސުވާލުކުރަންޖެހުނީ ވެސް އެ ސަބަބާ ހުރެ އެވެ.

އާޒިމާ އަކީ ހަގީގީ ދިރިއުޅުމުގައި ގިނައިން ސަމާސާކޮށް ހައްދަވާ މަޖާ މިޒާޖެއްގެ ކަނބަލެކެވެ. ހިތްޕުޅުގައި މިއުޒިކަށް ހާއްސަ ލޯތްބެއް ދެއްވާ ބޭފުޅެކެވެ. ހާއްސަކޮށް އިހުގެ ލަވަތަކަށް ލޯބިކުރައްވައި ލަވަ އަޑުއައްސަވަ އެވެ. އެކަމަނާގެ ފޭސްބުކް ޕޭޖަށް ބަލައިލިޔަސް މިކަން ފެންނާނެ އެވެ.

"އަޅުގަނޑު އަބަދުވެސް ކުރަން ބޭނުންވެ 'ބަކެޓް ލިސްޓް' ގައި ހިމަނައިގެން އުޅޭ ކަމެއް ކޮންމެ ވެސް ދުވަހަކު ލަވައެއް ކިޔާލުމަކީ. ދެން އެކަހަލަ ފުރުސަތެއް ލިބުނީމަ ލަވައެއް ކިޔާލީ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާއާ ސޮބާހުގެ އަޑުން ކިޔާފައިވާ މި ލަވާގައި ފެންނަނީ ބޭރު އަންހެންކުއްޖެކެވެ. އެއީ ސޮބާހް ގެ އަންހެނުންނެވެ. "ލަވަ ކިޔަން އަޅުގަނޑަށް ދައުވަތު ލިބުނީމަ ފުރަތަމަ ކިޔޭނެ ކަމަކަށް ގަބޫލެއްވެސް ނުކުރަން. އެކަމަކު ކުޑަ ހިއްވަރަކާއެކު ލަވަ ރިކޯޑްކޮށްލީމަ ސޮބާ އަށް ވެސް ކަމުދިޔަ،" އާޒިމާ ވިދާޅުވި އެވެ.

މި ލަވައަކީ މިދިޔަ ޑިސެމްބަރު މަހު އާޒިމާ ރިކޯޑްކުރި ލަވަ އެކެވެ.