ހޮލީވުޑް

ކާންސްގައި ސްރީދޭވީގެ އަގުވަޒަންކުރަނީ

މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލުގައި ބޮލީވުޑްގެ ފުރަތަމަ ސުޕަސްޓާ ބަތަލާ، ސްރީދޭވީގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

މި މަހު 16 ގައި ކާންސްގައި އޮންނަ ޓައިޓަން ރެގިނަލްޑް އެފް ލުއިސް ފިލްމު އެވޯޑްސްގައި އެ ގައުމުތަކުގެ ފިލްމު އިންޓަސްޓްރީތަކުގައި މަސައްކަތްކޮށްފައިވާ އަންހެނުންގެ މަސައްކަތްތައް ބަލައިގެނެ އެމީހުނަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑު ދިނުން އޮންނާނެ އެވެ.

އެގޮތުން އިންޑިއާ އިން މި އެވޯޑު މިފަހަރު ގެންދަނީ ސުޕްސްޓާ ސްރީދޭވީ އެވެ. އެ ހަފްލާގައި ސްރީދޭވީ އޭނާގެ 51 އަހަރުވީ ފިލްމީ ކެރިއަރުގައި ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތައް ދައްކާލުންވެސް އޮންނާނެ އެެވެ.

އެވޯޑާއި ގުޅިގެން ސްރީދޭވީގެ ފިރިމީހާ ބޯނޭ ކަޕޫރް ބުނީ، "ޖާންވީ، ކުށީ އަދި އަހަރެން ވަރަށް އުފާވެއްޖެ ސްރީދޭވީގެ މަސައްކަތް ބަލައިގަންނާތީ. އަދި އޭނާއަށް އެންމެންގެ ފަރާތުން އެހާ ލޯބި ލިބޭތީ ވަރަށް އުފާވޭ. ސްރީދޭވީގެ މަސައްކަތްތަކާއި އޭނާގެ ދިރިއުޅުމުން އެތައް ބަޔަކަށް ގިނަ މިސާލުތަކެއްވެސް ލިބިއްޖެ. އަހަރެމެން އަބަދުވެސް އޭނާ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރަންޖެހޭ."

ދާދިފަހުން ބޭއްވި މިއަހަރުގެ އިންޑިއާގެ ގައުމީ ފިލްމު އެވޯޑުގައިވެސް ސްރީދޭވީއަށް ވަނީ ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބިފަ އެވެ. އެ އެވޯޑު އޭނާއަށް ލިބުނީ ފިލްމު "މޯމް" ގައި އަދާކުރި ރޯލަށެވެ. އެ އެވޯޑާއި ހަވާލުވީ ބޯނޭއާއި ސްރީދޭވީގެ ދަރިން ކަމަށްވާ ޖާންވީ އަދި ކުށީ އެވެ.

ސްރީދޭވީ، 54، މަރުވީ މިދިޔަ ފެބްރުއަރީ މަހު 25 ގައި ދުބާއީގައި އޮތް އޭނާގެ ބޮޑުދައިތަ ދަރިއެއްގެ ކައިވެންޏަށް ގޮސް އުޅެނިކޮށެވެ. ސްރީދޭވީ މަރުވީ ކައިވެންޏަށް ދުބާއީއަށް ގޮސް އޭނާ ހުރި ހޮޓަލުގެ ކޮޓަރީގެ ފާހާނާގެ ބިލިގާ ތެރެއަށް ގެންބިގެންނެވެ.