ހަބަރު

ފެން ކުންފުނީގެ ހިޔާ މަޝްރޫއު އިއުލާންކޮށް ފޯމް ދޫކުރަން ފަށައިފި

މާލޭ ވޯޓާ ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދޭން ފަށާފައިވާ "ހިޔާ" މަޝްރޫ އިއުލާންކޮށް ފްލެޓް ފޯމް ދޫކުރަން ފަށައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 15 ބުރީގެ ދެ ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 384 އެޕާޓްމަންޓެވެ. މި ފްލެޓްތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަޅާފަ އެވެ.

ފްލެޓް ފޯމް ދޫކުރަން ފެށުމަށް އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

މިއަދު 10:30 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް އެމްޑަބްލިޔުއެސްސީ ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި އެޕާޓްމަންޓްތަކަށް މާކްސް ދިނުމުގައި ގެންގުޅެނީ ހައުސިން މިނިސްޓްރީގެ ގެދޮރުވެރިކަމުގެ މަޝްރޫއަށް މާކްސްދިނުމުގައި ގެންގުޅޭ އުސޫލުތަކާ ވަރަށް އެއްގޮތް މިންގަނޑުތަކެކެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި ދަރިން ތިބި ފަރާތްތަކާއި ނުކުޅެދޭ ކުދިން ނުވަތަ މެންބަރުން ތިބި އާއިލާތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އިތުރު މާކްސް ލިބޭނެ އެވެ.

މި ފްލެޓްތަކަށް ފައިސާ ދައްކަންޖެހެނީ އިމާރާތް ނިމުމުންނެވެ. ނަމަވެސް މަހަކު އެޕާޓްމަންޓަށް ދައްކަންޖެހޭ ފައިސާގެ އަދަދުން ތިން މަސްދުވަހަށްވާ ފައިސާ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހެއެވެ. އަދި މި ފައިސާ އިމާރާތްކުރާ މުއްދަތުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ.

މިއަދު އިއުލާންކުރި 384 އެޕާޓްމަންޓްތަކުގެ ތެރޭގައި ހަތަރު ކެޓަގަރީއެއްގެ އެޕާޓްމަންޓް ހިމެނެ އެވެ. އެއީ 1 ރޫމް، 1+2 ރޫމް އަދި ތިން ރޫމާއި 3+1 ރޫމް އެޕާޓްމަންޓެވެ. ޕްލަސް އެކެއް އިންނަ އެޕާޓްމަންޓްތަކަކީ ސްޓޯރޭޖް ޖާގަ ނުވަތަ މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓެވެ. އެއް ރޫމް އެޕާޓްމަންޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 800،000 ރ. އަށެވެ. ދެ ރޫމް އެޕާޓްމަންޓްތައް އެންމެ މަތިވެގެން 1.4 މިލިއަނަށް، އަދި 3 ރޫމް އެޕާޓްމަންޓް 1.6 މިލިއަނަށެވެ.

ފްލެޓްތަކަށް ފައިސާ ދައްކަންޖެހޭ އުސޫލަށް ބަލާއިރު އެޕާޓްމަންޓް ވިއްކާ އަގުގެ 20 ޕަސެންޓް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 4 މަހުގެ ތެރޭގައި ދައްކަންވާނެ އެވެ. އެޑްވާންސްގެ ތެރެއިން ފުރަތަމަ ދައްކަންޖެހޭ ބުކިން ފީ އެޕާޓްމަންޓް ލިބޭކަމުގެ ލިޔުން ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ދައްކަންވާނެ އެވެ. އެޑްވާންސް ޕޭމަންޓްގެ ބާކީ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދައްކަން ބޭނުން ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ދައްކާލެވޭނެ އެވެ. އިންޓްރެސްޓް ރޭޓުގެ ގޮތުގައި ނަގަން ނިންމާފައިވަނީ 6.5 ޕަސެންޓެވެ. މެނޭޖްމަންޓް ފީގެ ގޮތުގައި އަހަރަކު އެއް ޕަސެންޓް ދައްކަންޖެހޭނެ އެވެ.
އެޕާޓްމަންޓަށް ވާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތަކީ 12 އަހަރެވެ. އެއް ފަހަރާ ފައިސާ ދައްކަން ބޭނުން މުވައްޒަފުންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.