ދިހަ ކުޅުންތެރިންނާއެކު ކުޅުނު ރޯމާ އާއި އެއްވަރުކޮށް ޔުވެންޓަސް އިޓަލީ ލީގު ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ދެވަނަ މަގާމުގައި އޮތް ނަޕޮލީ ސަމްޕްޑޯރިއާ އަތުން މޮޅުވި ނަމަވެސް ރޯމާ އަތުން ލިބުނު ޕޮއިންޓާއެކު ޔުވެންޓަސްއަށް ލީގު ޔަގީންވީ އެވެ. ޔުވެންޓަސް ލީގު ކާމިޔާބުކުރީ 92 ޕޮއިންޓާއެކު އެވެ. އެންމެ ކާރިން ދެވަނަ މަގާމުގައި ވާދަކުރާ ނަޕޮލީއަށް ލިބިފައިވަނީ 88 ޕޮއިންޓެވެ. ބާކީ ލީގުގައި އޮތީ އެންމެ މެޗެކެވެ.
މެޗުގެ 68 ވަނަ މިނިޓުގައި ރަޖާ ނައިންގޮލާންއަށް ދެއްކި ރަތް ކާޑާއެކު ރޯމާ މެޗުގެ ބާކީ އޮތް 22 މިނިޓު ފުރިހަމަ ކުރީ ދިހަ ކުޅުންތެރިންނާއެކު އެވެ.
މިއަހަރުގެ އިޓަލީ ލީގު ޗެމްޕިއަން ކަށަވަރުވެގެންދާނީ އެންމެ ފަހު މެޗގައި ކަމަށް ކުރި އޮތީ ބެލެވިފަ އެވެ. މިހެންވީ އެއްވަނަ މަގާމުގައި އޮތް ޔުވެންޓަސް އަމިއްލަ ދަނޑުގައި ނަޕޮލީ އަތުން ބަލިވި ދެޓީމުގެ ދޭތެރޭގައި އޮތް ފަރަގު ކުޑަވުމުންނެވެ.
މުހިންމު މޮޅެއް ޔުވެންޓަސް އަތުން ހޯދުމަށްފަހު ނަޕޮލީ ވަނީ ޖެހިގެން އައި މެޗުގައި ފިއޮރެންޓީނާ އަތުން ބަލިވެފަ އެވެ. އޭގެ ފަހުން އެޓީމު ޓޮރީނޯ އަތުން 2-2 ނަތީޖާއަކުން އެއްވަރުވުމާއެކު 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ދެކެމުން އައި ހުވަފެނަށް ވަނީ ނިމުމެއް އައިސްފަ އެވެ.
ސީޒަނުގެ ބޮޑު ބައިގައި ލީގުގެ އެއްވަނަ މަގާމުގައި އޮތް ނަޕޮލީ ތިން ޕޮއިންޓު ހޯދުން މުހިންމު މެޗުތަކުގައި ބަލި ނުވަތަ އެއްވަރުވުމުން އެޓީމު ސެރިއާ ކާމިޔާބުކުރުމަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
އެހެން ސީޒަންތަކާ ހިލާފަށް ޔުވެންޓަސް މިސީޒަނުގައި ދައްކޮށް ފެނުނު ނަމަވެސް އެޓީމު ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފަ އެވެ. ބައިކޮޅަށް ލަނޑު ވަދެފައިވަނީ މަދު މެޗެއްގަ އެވެ. އަނެއް ކޮޅުން ޔުވެންޓަސް ވަނީ ބޮޑެތި ގިނަ މެޗުތަކުން މޮޅުވެފަ އެވެ.