ހަބަރު

ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީ އެކުލަވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީ އިލެކްޝަން ކޮމިޝަނުން އެކުލަވާލައިފި އެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް އީސީން އެކުލަވާލާ ގައުމީ ލަފާދޭ ކޮމިޓީއަކީ އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ ދިނުމަށް އުފައްދަން އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކޮމިޓީ އެކެވެ. އެ ކޮމިޓީގައި ތިއްބަވާނީ 17 ބޭފުޅުންނެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުން 10 ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ހަ ބޭފުޅުންނާއި، ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވާނެ ކަމަށެވެ.

އިންތިހާބަށް ލަފާދޭ ކޮމިޓީ އީސީން އެކުލަވާލާފައިވާއިރު އިންތިހާބަށް ތައްޔާރުވުމުގެ އެހެނިހެން މަސައްކަތްތައް ވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައަޅައި ވޯޓް ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ވެސް އެކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ.