ހަބަރު

ގުރައިދޫ ރައްޔިތުން ރޯދަ ހަދިޔާއަކަށް ބޭނުމީ ޖަނަރޭޓަރެއް

ދުވާލުގެ ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ތ ގުރައިދޫ ރައްޔިތުން މުޒާހަރާ ކުރަންފަށައިފި އެވެ.

ގުރައިދޫ ކައުންސިލުން ބުނީ އެރަށުން ކޮންމެ ދުވަހަކުވެސް ދުވާލުގެ ވަކި ގަޑިތަކެއްގައި ކަރަންޓު ކަނޑާތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މިއަދު ރައްޔިތުން މުޒާހަރާއަށް ނިކުމެފައިވަނީ ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވެފައި ރޯދަމަހުގެ ދުވާލު ކަރަންޓުގެ ބޭނުން ނުކުރެވޭ ގޮތް ވުމަކީ ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

"އަހަރުމެން ރޯދަ ހަދިޔާގެ ގޮތުގައި ބޭނުން ވަނީ ޖަނަރޭޓަރެއް. އެހެން ކަމެއް ބޭނުމެއް ނޫން،" 2100 މީހުންގެ އާބާދީއެއް އޮތް ގުރައިދޫގެ ރައްޔިތަކު ބުންޏެވެ.

ގުރައިދޫއަށް މިހާރު ކުރިމަތިވެގެން އުޅޭ ކަރަންޓުގެ މައްސަލަ މެދުވެރިވުމުގެ ކުރިން އެރަށަށް ފެނަކައިން ކަރަންޓު ދެމުން ގެންދިޔައީ 460 ވޮޓުގެ ޖަނަރޭޓަރަކާއި 350 އަދި 250 ގެ ތިން ޖެނަރޭޓަރު ބޭނުންކޮށްގެންނެވެ. ކަރަންޓުގެ މައްސަލަ ދިމާވާން ފެށީ އެތަނުން އެންމެ ބޮޑު 460 ވޮޓުގެ ޖެނަރޭޓަރު ހަލާކުވެގެންނެވެ.

"އަޅުގަނޑުމެން އެކި ދުވަސް މަތިން ހައްލެއް ހޯދޭތޯ ފެނަކައަށް ގުޅައިފިން. ސީދާ އެމްޑީއަށް ދަންނަވައިފިން. އަދި ފަސްޓް ލޭޑީ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ އަރިހުގައި ވެސް ދެންނެވިން،" ގުރައިދޫ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ރަށަށް 600 ވޮޓުގެ އިންޖީނެއް ގެންނަން މަސައްކަތް ކުރާ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިންޖީން ރަަށަށް ގެނެވޭނީ އަންނަ މަހުގެ މެދު ތެރޭގައި ކަމަށް ފެނަކައިން މިއަދު ކައުންސިލަށް އަންގާފައިވާ ކަމަށާއި ކަރަންޓު މައްސަލަތަކާ އެކު ރޯދަ މަސް ވޭތުކުރަންޖެހޭތީ ރައްޔިތުން ކަންބޮޑު ވެފައިވާ ކަމަށެވެ.