ހަބަރު

އަމާޒަކީ ޕްރައިމަރީގައި ނަޝީދަށް ބައިލައްކަ ވޯޓު ހޯދުން: މެނޭޖަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒު ހިފާފައި ވަނީ އެމްޑީޕީގެ 50،000 މީހުންގެ ވޯޓާއެކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވުން ކަމަށާއި އެކަމުން ވެސް ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ބައިވެރި ކުރަން ޖެހޭނެކަން ސާބިތުވެގެން ދާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރިޔާސީ ޕްރައިމެރީއާ ގުޅިގެން މިހާރު ކުރިޔަށް ގެންދާ ކެމްޕެއިންއަކީ ރައްޔިތުންނަށާއި ސަރުކާރަށް އަދި ބޭރު ދުނިޔެއަށް ވެސް ލިބިގެންދާނެ މުހިންމު މެސެޖެއް ކަމަށެވެ. އެގޮތުން އިންތިހާބަށް ގާނޫނީ ހައިސިއްޔަތެއް ދޭ ބަޔަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި އެހެންކަމުން އަމާޒު ހިފާފައި ވަނީ އެމްޑީޕީގެ 50،000 ވޯޓާއެކު ކާމިޔާބު ކުރައްވާ ރައީސް ނަޝީދު ނެރުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"50،000 ވޯޓާއެކު ނެރޭ ފަރާތެއްގެ ކެންޑިޑޭންސީ ނުދިނުމަކީ ހަމަޖެހޭ ސިޔާސީ ބަޔަކު ކުރާނެ ކަމެއް ނޫން، އެގޮތަށް އަމަލުކޮށްފި ނަމަ ދިމާވާނެ ހުރިހާ ކަމަކާ ސަރުކާރުން ކުރިމަތިލާން ޖެހޭނެ، އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން އެއްވެސް ޝައްކެއް ނެތް ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ކެންޑިޑޭންސީ ނުލިބޭނެ ކަމަށް ސަރުކާރުން ފެށުނީއްސުރެއް ބުނަމުން ގެންދަނީ އެއީ އެމަނިކުފާނާ ވާދަ ކުރަން ޖެހިލުންވާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އަބަދަކު އެގޮތަށް ބުނެގެން ނުތިބެވޭނެ ކަމަށާއި ފަހު ވަގުތު ރައީސް ނަޝީދު ބައިވެރި ކުރަން ސަރުކާރަށް ޖެހެނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ޕްރައިމެރީގައި ކުރިމަތިލާ ފޯމް ހުށަހަޅަން ނިންމާފައި ވަނީ ގިނަ އަދަދެއްގެ ތާއީދު ފޯމްތަކާއެކު އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން ތާއީދު ފޯމްތައް ފުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކެމްޕެއިން ކުރިޔަށް ދާ ގޮތަށް އަލިއަޅުވާލަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ރައްޔިތުންނާ ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ބައްދަލު ކުރުމުގެ އިތުރުން އަންހެނުންނަށް ހާއްސަ ފޯރަމަކާއި ޒުވާނުންނަށް ހާއްސަ ފޯރަމެއް ކުރިޔަށް ގެންގޮސް އެ ފަރާތްތަކާ ބައްދަލު ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން މާދަމާ އިން ފެށިގެން ޕޯސްޓަރުތަކާއި ބެނާތައް މުޅި ރާއްޖޭގައި ބަހަން ފަށާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.