ބޭރު ކުޅިވަރު

ޑެނީ އަލްވޭޒް ބާކީކޮށް ބްރެޒިލް ސްކޮޑު އިއުލާންކޮށްފި

ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލްގެ ކޯޗު ޓިޓޭ 23 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކޯށްފި އެވެ.

ގްރޫޕް އީގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނަ ބްރެޒިލް ޓީމުގެ ސްކޮޑުން ފުރުސަތު ނުލިބޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވޭޒް އެވެ. ކަނާތު ފަޅިން ފަހަތަށް ކުޅޭ އުމުރުން 35 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާއަށް ބްރެޒިލްގެ ސްކޮޑުން ފުރުސަތު ނުލިބުނީ އޭނާ އަނިޔާގައި ހުރުމުންނެވެ. އަލްވޭޒްއަށް އަނިޔާވެފައިވަނީ ފްރެންޗް ކަޕް ފައިނަލް މެޗުގަ އެވެ.

އަލްވޭޒްގެ އިތުރުން ބްރެޒިލް ޓީމުން ފުރުސަތު ނުލިބުނު އެންމެ ފާހަގަކުރެވޭ ކުޅުންތެރިއަކީ އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އެލެކްސް ސަންޑްރޯ އެވެ. މިދެކުޅުންތެރިންގެ ބަދަލުގައި 23 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ހޯދާފައިވަނީ ބްރެޒިލް ލީގުގެ ގްރެމިއޯ ފުޓްބޯލް ޕޯރްތޯ އެލެގްރޭއަށް ކުޅެމުން އަންނަ ޕެޑްރޯ ގެރޮމެލް އެވެ. ގެރޮމެލް މީގެ ކުރިން ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ދެފަހަރު އެވެ.

މުބާރާތުގައި ބްރެޒިލްގެ ކަނާތު ފަޅިން ފަހަތުގައި ޑެނީ އަލްވޭޒް ނެތްތަން ފޫބައްދާނީ ބްރެޒިލް ލީގު ޗެމްޕިއަން ކުރިންޝިއަންގެ ފުލްބެކް ފެގްނާ އެވެ. މިކުޅުންތެރިންގެ އިތުރުން ބްރެޒިލް ސްކޮޑުގައި ޔޫކްރޭންގެ ސަކްތާ ޑޮނެޓްސްއަށް ކުޅެމުން އަންނަ މިޑްފިލްޑަރު ފްރެޑް އަދި ޓައިސަން ވަނީ ހިމަނާފަ އެވެ.

ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ތަރި ނޭމާ ވަނީ ސްކޮޑުން ޖާގ ހޯދާފަ އެވެ. އަނިޔާގައި ހުރި ނޭމާ ވޯލްޑް ކަޕް ފެށެމުގެ ކުރިން އަލުން ފިޓް ވާނެ ކަމަށް ބެލެވެ އެވެ. ނޭމާގެ ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލީ ފެބްރުއަރީ 25 ވަނަ ދުވަހު މާސޭ އާއި ދެކޮޅަށް ޕީއެސްޖީ ފްރާންސް ލީގުގައި ކުޅުނު މެޗުގަ އެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީގަ އެވެ.

ބްރެޒިލް ވޯލްޑް ކަޕް ސްކޮޑު

ގޯލްކީޕަރުން: އެޑަސަން (މެންޗެސްޓާ ސިޓީ)، އެލިސަން ބެކާ (ރޯމާ)، ކަސިއޯ ރާމޯސް (ކުރިންޝިއަން)

ޑިފެންޑަރުން: ޑެނީލޯ (މެންޗެސްޓާ ސިޓީ)، ފެގްނާ (ކުރިންޝިއަން)، މާސެލޯ (ރެއާލް މެޑްރިޑް)، ފިިލިޕޭ ލުއިޒް (އެތުލެޓިކޯ މެޑްރިޑް)، ތިއާގޯ ސިލްވާ (ޕީއެސްޖީ)، މާކީނިއޯސް (ޕީއެސްޖީ)، މިރަންޑާ (އިންޓަ މިލާން) ޕެޑްރޯ ގެރޮމެލް (ގްރެމިއޯ ފުޓްބޯލް ޕޯރްތޯ އެލެގްރޭ)

މިޑްފީލްޑަރުން: ކަސެމީރޯ (ރެއާލް މެޑްރިޑް)، ފެނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ފިލިޕް ކުޓީނިއޯ (ބާސެލޯނާ)، ވިލިއަން (ޗެލްސީ)، ފްރެޑް (ސަކްތާ ޑޮނެޓްސް)، ރެނާޓޯ އޮގަސްޓޯ (ބެއިޖިން ސިނޯބޯ)، ޕައުލީނިއޯ (ބާސެލޯނާ)، ޑަގްލަސް ކޮސްޓާ (ޔުވެންޓަސް)

ފޯވާޑުން: ނޭމާ (ޕީއެސްޖީ)، ޓައިސަން (ސަކްތާ ޑޮނެޓްސް)، ރޮބާޓޯ ފިރްމީނޯ (ލިވަޕޫލް)، ގެބްރިއަލް ޖީސަސް (މެންޗެސްޓާ ސިޓީ).