މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލާގަ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާފު ނުވާ ކަމަށްބުނެ މަހުލޫފްގެ ވަކީލުންގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް މިއަދުގެ ޝަރީއަތުގައި ހުށަހަޅައިފި އެވެ.
އެ މައްސަލާގައި މިއަދު އޮތީ އިބްތިދާއީ އަޑުއެހުމެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލައިގެ ދައުވާ އިއްވާފަ އެވެ. ދައުވާ މަހުލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ކަމެއް ހުށަހަޅާފައި ވެއެވެ. އަދި މަހުލޫފްގެ ފަރާތުން 10 ކަމެއް ހުށަހަޅާފައި ވެއެވެ. އެގޮތުން ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި މަހުލޫފްގެ ފަރާތުން ދައުވާ ސާފު ނުވާކަމަށް ބުނެ ގިނަ ކަންތައްތަކެއް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އެގޮތުން މަހުލޫފް ކުރި ކުށުގެ އަމަލާއި އެކުށްކުރި ވަގުތާއި ތަން ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ތުހުމަތާއި ގުޅިގެން ފެބްރުއަރީ 17 ވަނަ ދުވަހު ޕުލުހަށް ހާޒިރުކޮށް ތުހުމަތު ކޮށްފައިވަނީ ވަނުން ހުއްދަ ތަނަކަށް ވަނުމުގެ ކުށާއި ގާނޫނު ތަންފީޒުކުރާ މުއައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނުގެ ބާރު ހިންގުމަށް ހުރަސްއެޅުމުގެ ކުށަށް ކަމަށެވެ. ހާޒިރު ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށުގައެއް ނޫން ކަމަށް ދިފާއީ ވަކީލުން ހުށަހަޅާފައި ވެއެވެ.
ދިފާއީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ، ދައުވާގައި ޓެރަރިޒަމްގެ އަމަލު ހިންގި ކަމަށް ދައުލަތުން ބުނާއިރު އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިިނުވާ ކަމަށާއި މުޒާހަރާ ކުރުމަކީ ޓެރަރިޒަމްގެ އަމަލެއްކަން ދައުވާގެ ސީގާގައި ދައުލަތުން ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ދައުވާގައި އާންމުންގެ ބައެއްގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތި ކުރުވަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކުރީ ކޮން ގޮތަކުން ކަމަށާއި އެފަދަ ހާލަތެއް ނުރައްކަލަކަށްވަނީ ކޮން ގޮތަކުން ކަމަށާއި އެފަދަ ނުރައްކަލެއްވާ ހާލަތެއް ބަޔާންކޮށްދީފައިނުވާ ކަމަށްވެސް ދިފާއީ ވަކީލް ވިދާޅުވި އެވެ.
ދިފާއީ ވަކީލް ވިދާޅުވީ، ދައުވާގައި ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނާއިރު އެ ނުފޫޒަކީ ކޮބައިކަން ބަޔާންކޮށްދީފައެއް ނުވާ ކަމަށެވެ. އެގޮތުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި މައްސަަލަ އިތުރަށް ނުބެލުމަށް ދިފާއ ވަކީލުން އެދިފައި ވެއެވެ.
މީގެ އިތުރުން ދިފާއީ ވަކީލް ނާޒިމް ސައްތާރުގެ ފަރާތުން ހުށަހަޅާފައިވަނީ ކުށުގެ މަގުސަދު ނެތުމާއި މަހުކޫމް ފީހިގެ ޝަރުތުތައް ހަމަނުވުމާއި ވަކީލުގެ އެހީތެރިކަން މަހުލޫފަށް ނުލިބުނު ކަމަށާއި ހައްޔަރު ކުރުމުގައިވެސް ތަހުގީގު ކުރުމުގައިވެސް ޓެރަރިޒަމްގެ ތުހުމަތުގެ ކޮށްފައިނުވާ ކަމަށެވެ. އަދި ހަމަ އެކަނި މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވުމާއި އެތަނުގައި މުޒާހަރާ ކުރި އެހެން ފަރާތްތަކަށް ދައުވާ ނުކުރާ ސަބަބު ބަޔާންކޮށްދިނުމަށްވެސް ދިފާއީ ވަކީލް ނާޒިމް ސައްތާރު މިއަދުގެ ޝަރޫއަތުގައި އެދުނެވެ.
ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުންނާއި ދިފާއުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޖަވާބުދާރީ ވުމެވެ. މައްސަލަ ބައްލަވާ ގާޒީ މިއަދުގެ ޝަރީއަތް ނިންމާލީ ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ޝަރީއަތުން ގޮތެއް ނިންމުން ކަމަށްބުނެ މިއަދުގެ ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.