ދުނިޔެ

ކަޝްމީރުގައި އިންޑިއާ ސިފައިން ރޯދައަށް ހަމަލާ ހުއްޓައިފި

ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދު އެ ގައުމުގެ އަތްދަށުން މިނިވަަން ކުރުމަށް ހަނގުރާމަކުރާ ޖަމާއަތްތަކާ ދެކޮޅަށް އިންޑިއާ ސިފައިން ހިންގާ އޮޕަރޭޝަންތައް މި ރަމަޟާން މަހަށް ހުއްޓާލައިފި އެވެ.

އިންޑިއާއިން ގަބޫލުކުރާ ގޮތުގަައި ކަޝްމީރުގެ މިނިވަން ކަމަަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތްތަކަކީ ބާޣީންނެވެ. އެ ޖަމައާތްތަކާ ދެކޮޅަށް ދޭ ހަމަލާތައް ވިއްސަކަަށް އަހަރު ދުވަހުގެ ތެރޭގައި ހުއްޓާލާ މިއީ ފުރަތަމަ ފަހަރެވެ. ހަމަލާ ބަދަލުކުރުން ރޯދައަށް ހުއްޓާލާފައިވާ ކަން އިންޑިއާގެ ހޯމް މިނިސްޓްރީން އިއުލާނު ކޮށްފައި މިވަނީ ވަރުގަދަ ހަމަލާތަކަަށް ފަހުގައެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލި ހުއްޓައިލުމާބެހޭ ގޮތުން އިންޑިއާގެ ހޯމް މިނިސްޓްރީން ކުރި ސިލްސިލާ ޓްވީޓްތަކެއްގައި ބުނީ އެ ފިޔަވަޅުގެ ބޭނުމަކީ "ސުލްހައަށް ލޯބި ކުރާ މުސްލިމުންނަށް ރަމަޟާން މަހު އަމާން މާހައުލެއް އުފައްދައި ދިނުން" ކަމަށެވެ.

"ހަމަލާއެއް ދީފި ނަމަ ބަދަލު ހިފުމުގެ ނުވަތަ ކުށެއް ނެތް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް [ހަމަލާދިނުމުގެ] ހައްގު ސަލާމަތީ ބާރުތަކަށް ލިބިގެންވޭ،" ހަމަލާ ބަދަލު ކުރުން ހުއްޓައިލުމުގައި އަމަލު ކުރާނެ ގޮތުގެ ތަފުސީލު ދެމުން އިންޑިއާ ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ކަޝްމީރުގެ ޗީފް މިނިސްޓަރު މަހްބޫބާ މުފްތީ ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ކަޝްމީރު މައްސަލައިގައި މަޝްވަރާ ކުރުމަށް މަގުފަހިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ނިންމުމާ ބެހޭ ގޮތުން ހަނގުރާމަވެރި ޖަމާއަތްތަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ކަޝްމީރުގަައި އިންޑިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެންމެ އިސްކޮށް އުޅޭ ހިޒްބުލް މުޖާހިދީން އިން އެއްބަސްވެގެން 2000 ވަނަ އަހަރު ވެސް ހަމަލާ ބަދަލުކުރުން ހުއްޓައިލިއެވެ. އޭގެ ފަހުން ހަމަމަލާ ބަދަލުކުރުން ހުއްޓައިލި މިއީ ފުރަތަމަ ފަހަރެވެ.

ކަޝްމީރަކީ އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު އިންޑިއާއާއި ޕާކިސްތާނުން ވެސް ދައުވާ ކުރާ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގެ ގިނަ ރައްޔިތުންނަކީ އިންޑިއާއާ ދެކޮޅު ބައެކެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން އެދެނީ މުޅި ކަޝްމީރަކީ ޕާކިސްތާނުގެ ބަޔަކަށް ވުމަށް ނުވަތަ މިނިވަން ވަކި ދައުލަތަކަށް ވުމަށެވެ. - އަލްޖަޒީރާ