ހަބަރު

ގިނަ އަދަދެއްގެ ޕާޓީ ޑްރަގާއެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ރޭ އަވަށްޓެރި ސްރީލަންކާއިން ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި މިކަން ރިޕޯޓްކޮށްފައިވާއިރު ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އެ ދެ ދިވެހިން ހައްޔަރުކުރީ ދެހިވަލާގެ ނަޑިމަލައިންނެވެ.

އެ ދެ މީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީގެ 1،925 ގުޅަ ފެނިފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ތަކެތީގެ އަގު ނުވަ ލައްކަ ރުފިޔާއަށް އަރާއިރު އެއީ ނެދަލެންޑްސްއިން އެތެރެކޮށްފައިވާ ތަކެތި ކަމަށް ލަންކާ ފުލުހުން ބުނެ އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން މިއީ އެކްސްޓަސީ އެންމެ ގިނައިން އަތުލަައިގަތް ފަހަރެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު ލަންކާގައި އެ ތަކެތި ވިއްކުމުގެ އިތުރުން އެހެން ގައުމުތަކަށް ފޮނުވާ ކަމުގެ ތުހުމަތު ވެސް އެ ދެ ދިވެހިންގެ މައްޗަށް ލަންކާ ފުލުހުން ކުރެ އެވެ.