ކުޅިވަރު

2021ގެ ނިޔަލަށް ސިޓީގައި ގާޑިއޯލާ ހުންނާނެ

މެންޗެސްޓާ ސިޓީގެ ކޯޗު ކަމުގެ މަގާމުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ހުންނަން ޕެޕް ގާޑިއޯލާ އެއްބަސްވުން އާ ކޮށްފި އެވެ.

މީ ބާސެލޯނާ އާއި ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް ކުލަބެއްގައި އެންމެ ގިނަ ދުވަހު ހުންނާނެ މުއްދަތެވެ. މި އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގް، ސިޓީއަށް އޭނާ ހޯދައި ދިނީ 100 ޕޮއިންޓްގެ ރެކޯޑާކާއެކު އެވެ. ސިޓީ ވެފައި ވަނީ ޕްރިމިއާ ލީގްގައި އެއް ސީޒަނެއްގައި 100 ޕޮއިންޓް ހޯދި ފުރަތަމަ ޓީމަށެވެ.

އިނގިރޭސި ލީގް ކަޕު ފައިނަލު މެޗުގައި އާސެނަލްގެ މައްޗަށް ކާމިޔާބު ހޯދައި ސިޓީ ވަނީ އެ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގްގައި އެ ޓީމަށް ކުރިމަތިވީ ނާކާމިޔެބެވެ. އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ސިޓީ ކަޓުވާލީ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ ވިގަން އެތުލެޓިކުންނެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެ ޓީމު ކެޓީ ލިވަޕޫލް އަތުންނެވެ.

ބާސެލޯނާގެ ސީނިއާ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި، ގާޑިއޯލާ ކޯޗް ކަމަށް ނިކުތީ 2008 ވަނަ އަހަރު އެވެ. ބާސާ އާ އެކު ޗެމްޕިއަންސް ލީގް ހޯދި ނަމަވެސް ބަޔާން އާއި ސިޓީއާއެކު އޭނާއަށް އެ ކާމިޔާބު ހޯދިފައެއް ނުވެ އެވެ. އެހެންވެ އޭނާ އަށް ކުރިމަތިވާ ފާޑު ކިޔުންވެސް އެބައޮތެވެ.

"އަހަރެންގެ ކުޅުންތެރިން އެދޭ މިންވަރަށް އަހަރެން ސަމާލުކަން ދީގެން މަސައްކަތް ކުރާނަން މި ޓީމަކީ ވަރުގަދަ ޓީމަކަށް ހެދަން، އެއީ ކޮންމެ ދުވަހަކުވެސް އަހަރެން ސަމާލުކަން ދޭނެ ކަމަކީ،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެންގެ މިއޮތީ ވަރަށް ޒުވާން ސްކޮޑެއް މި ޓީމުގެ [ކުޅުންތެރިންގެ] އެވަރެޖް އުމުރަކީ 23، މި ސީޒަންގައި މި ހޯދި ކާމިޔާބު ދެމެހެއްޓުމާއެކު އަހަރެމެން މަސައްކަތް ކުރާނީ އިތުރު ހަރުފަތަކަށް ދާން."