ފަލަސްތީން

ދުނިޔޭގެ ވެރިންނަށް: ރޯދަ ވިއްލާނީ ގުދުސްގައި!

ރަމަޟާން މަހަކީ މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް އަދި އެންމެ އުފާވެރި މަހެވެ. އަޅުކަންތައް އިތުރުކޮށް އާއިލީ ގުޅުންތައް އިހުނަށްވުރެ އެތައް ގުނައެއް މި މަހުގައި މުސްލިމުން ވަރުގަދަކުރެ އެވެ. އެކަމަކު މި ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރީ ބޮޑު ގަތުލުއާމަކާއެކު އެވެ. ފަލަސްތީނުގެ އަހުންނާއި އުހުތުންނާމެދު އިޒްރޭލުން ދަނީ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. ފަލަސްތީނުގެ ވެރިރަށް އަދި މުސްލިމުންގެ ފަހުރެއް ކަމަށްވާ ގުދުސް ވަނީ އިޒްރޭލާއި އެމެރިކާ އެކުވެގެން ފޭރިގެންފަ އެވެ.

މިއީ ކޮންމެ މުސްލިމެއްގެ ހިތަށް ވެސް އެއިން އަސަރުތައް ކުރާނެ، ކުރުވާނެ ކަމެކެވެ. ފަލަސްތީނުގެ މުސްލިމުންނަށް ޖެހިފައިވާ ހާލު ބަޔާންކޮށް ދޭން ދަތި ނަމަވެސް ރޯދަ ވިއްލުމަކަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ވެރިންނަށް ފަލަސްތީނުގެ ކުޑަ ފިރިހެން ކުއްޖަކު ދައުވަތުދީ، މުސްލިމުންގެ ހާލަތު ވަނީ އަސަރާއެކު ކިޔައިދީފަ އެވެ.

ޔޫޓިއުބްގައި އާންމުކޮށްފައިވާ މި ލަވައަކީ އަސަރުން ފުރިފައިވާ ލަވައެކެވެ. މިއީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ހިދުމަތްދޭ ޓެލެކޮމިއުނިކޭޝަން ކުންފުނި، ޒައިން ގުރޫޕްގެ ރޯދައަށް ހާއްސަ އެޑެވެ.

އެޑް ނުވަތަ ލަވައިގައި ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ވެސް ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ކައިރި އަށެވެ. ރަމަޒާން މަހުގެ މުބާރަކުބާދީއާއެކު އޭނާ އެދެނީ ރޯދަ ވިއްލުމަކަށް އޭނާގެ ގެއަށް ވަޑައިގެންނެވުމަށެވެ. އެއަށްފަހު ރަޝިޔާގެ ރައީސް ޕޫޓިންއަށް އޭނާގެ ގޭގެ ހިތްދަތި ހާލަތު ކިޔައިދެ އެވެ. އޭނާގެ މަންމަ އުފުލާ ވޭން ހިއްސާ ކުރެ އެވެ.

ދެން ފެނިގެން ދަނީ ސީރިޔާއިން ހިޖުރަކުރާ މުސްލިމުން އުޅޭ ހާލެވެ. ބޯޓުތަކުގައި ކަނޑު ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް އެތެރެވާ މަންޒަރެވެ. އެމީހުންނަށް އެހީވުމަށް ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުގެ ވެރިން ތިއްބަވާ މަންޒަރު ވެސް ލަވައިގައި ދައްކަ އެވެ.

އޭނާގެ ކޮޓަރިއަށް ދެން ވަދެގެން އަންނަނީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އިވެނީ ބޮން ގޮއްވާ އަޑު ކަމަށް އޭނާ އުތުރު ކޮރެއާގެ ރައީސަށް ދަންނަވައެވެ. ކޮޓަރި ދުމުން ފުރިފައިވާއިރު އެނދުގައި ވަނީ ހުޅު ހިފާފަ ކަމަށް ދަންނަވަ އެވެ. ލޮލުން އޮހެރެމުންދިޔަ ކަރުނަތައް ރަމްޒުކޮށްދެނީ ސީރިއާ އާއި ފަލަސްތީނުގެ ކުޑަކުދިންގެ އިހްސާސްތަކެވެ.

"އަހަރެމެންގެ އަޑުތައް ހިމޭން ކޮށްފައިވަނީ އަހަރެމެން އަހަރެމެންގެ ދީން ކުރިއަށް ނެރޭތީ،" އަސަރުގަދަ ލަވައިގެ ބުނެ އެވެ.

އަހަރެމެންގެ އަޑުތައް ހިމޭން ކޮށްފައިވަނީ އަހަރެމެން، އަހަރެމެންގެ ދީން ކުރިއަށް ނެރޭތީ
ލަވައިގައި ހިމެނޭ ބައެއް

އެންމެފަހުން ވެސް އެ ކުއްޖާ ގޮސް ހުއްޓެވީ ޓްރަމްޕް ކައިރީގަ އެވެ. އަދި ބުނަނީ، "މިސްޓަ ޕްރެޒިޑެންޓް، އަހަރެމެންގެ ރޯދަ ވިއްލުން އޮންނާނީ ގުދުސްގަ، ފަލަސްތީނުގެ ވެރިރަށުގަ،" އި ކަމަށެވެ.

ބަންދުކޮށްފައިވާ ފަލަސްތީނުގެ އަންހެން ކުއްޖެއް ސަލާމަތް ކުރުމަށްފަހު ގުދުސްއާ ދިމާލަށް ދެ ކުދިން އެކުގައި ދުވެފައިދެ އެވެ. އަދި ތަކުރާރުކުރަމުން ދިޔަ އެއް ވާހަކަ އެކެވެ. އެއީ، "އަހަރެމެންގެ ރޯދަ ވިއްލުން އޮންނާނީ ގުދުސްގަ ކަމާއި މާތްﷲ ހުރިހާ ވަގުތެއްގައި ވެސް ދުއާ އިޖާބަ ކުރައްވާނެ" ކަމަށެވެ.

ލަވަ ނިންމާލަމުން އަރަބި ގައުމުތަކުގެ ވެރިންނަށް ވެސް މެސެޖެއް ދީފައިވާއިރު ލަވައިގެ އެންމެ ބޮޑު ބޭނުމަކީ މުސްލިމުންގެ އަޑު ދުނިޔޭގެ ވެރިންނަށް އިއްވުމެވެ. ގިނަ ބަޔަކު މި ލަވައިގެ ވާހަކަ ދައްކަމުންދާއިރު ލަވައިން އެތައް އަސަރުތަކެއް ވެސް ވަނީ ކޮށްފަ އެވެ.