ދުނިޔެ

އީރާނުން އިސްވެ ހަނގުރާމައެއް ނުފަށާނެ، ބުލީކުރަން ދުލެއް ނުކުރާނެ: އީރާން

ސަރަހައްދުގެ މަސްލަހަތު ގެއްލުވާލުމަށް ނުވަތަ އެހެން އެއްވެސް ނިޔަތެއްގައި އީރާނުން އިސްވެ އެއްވެސް ބަޔަކަށް ހަމަލާދީ ހަނގުރާމައެއް ނުފަށާނެ ކަމަށް އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ.

ރައީސީ ވިދާޅުވީ ހަނގުރާމައެއް ނުފެށިއެއް ކަމަކު ބުލީކުރަން ދޫނުކުރައްވާނެ ކަމަށެވެ. އެކަށީގެންވާ ދަނޑިވަޅުގައި އެކަށިގެންވާ ގޮތަށް ބަދަލުހިފާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ތިން ސިފައިން އުރުދުން-ސީރިއާ ގުޅޭ ބޯޑަރުގައި މަރާލުމާ ގުޅިގެން އެމެރިކާގެ ތުހުމަތު އޮތީ އީރާނަށެވެ. އީރާނުން މިކަމަށް ދެކޮޅު ހެދި ނަމަވެސް އެމެރިކާ އޮތީ އެކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

އީރާން ބުނި ގޮތުން އެމެރިކާއާ ތޮޅުމަކީ ޝައުގުގައި އޮތް ކަމެއް ނޫނެވެ. އަދި އެމެރިކާ ރުޅިއަރުވައި ހަނގުރާމައަކަށް މަގުފަހިކުރުމަކީވެސް އީރާން ކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އެމެރިކާއިން ބަދަލުހިފުމަށް ހަމަލާތައް މިހާރު ވަނީ ފަށާފަ އެވެ. ބަދަލުހިމުގެ ގޮތުން ދޭ ހަމަލާތައްވެސް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ސީރިއާގައި ތިބޭ އީރާންގެ ސިފައިންނަށެވެ.

ރައީސީ ވިދާޅުވި ގޮތުން ސީރިއާގައި ތިބޭ އީރާން ސިފައިންގެ ފަރާތުން އެހެން ގައުމަކަށް ޖެއްސުމެއް ނުކުރާނެ އެވެ. އީރާން ސިފައިން ސީރިއާގައި ތިބުމުން ސީރިއާ އަށާއި އަދި ސަރަހައްދީ ގައުމުތަކަށް ވަނީ ފައިދާ ކަމަށް ރައީސީ ވިދާޅުވި އެވެ.

އެމެރިކާ ބުނި ގޮތުން އެމެރިކާ ސިފައިންނަށް ހަމަލާދޭން ބޭނުންކުރި ޑްރޯން އުފައްދާފައިވަނީ އީރާންގަ އެވެ. އަދި ހަނގުރާމަވެރި ގުރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދެނީ ވެސް އީރާނުންނެވެ.

އެމެރިކާގެ ބަަދަލުހިފުން ސީރިއާގައި ތިބޭ އީރާން ސިފައިންނަށް އަމާޒުކޮށްފާނެ ކަމަށް ބަލައި، އެ ސަރަހައްދުން ފޭބުމަށް އީރާނުން ވަނީ ސިފައިންނަށް އަންގާފަ އެވެ. އަދި ފައުޖުތަކުގެ ކޮމާންޑަރުން ރައްކާތެރި ތަންތަނަށް ދަތުރުކުރުމަށްވެސް އޮތީ އަންގާފަ އެވެ.

އީރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށާއި ސީރިއާގެ އަމާޒުތަކަށް ހަމަލާދޭން އެމެރިކާއިން މިހާރު ވަނީ ފަށާފަ އެވެ.

މި ހަމަލާތަކާ ގުޅިގެން ހަނގުރާމަވެރި ގުރޫޕްތައް މުޅި ސަރަހައްދަށް ފެތުރިގެންފާނެ ކަމުގެ ބިރު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާއިން މެދުއިރުމަތީގެ އަމާޒުތަކަށް ހަމަލާދޭން ފެށުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް މަސްރަހު ދިރާސާކުރާ މިހުން އޮތީ ކުރިއާލައި އިންޒާރުދީފަ އެވެ.

އީރާގާއި ސީރިއާއަށް އެމެރިކާއިން ދޭން ފެށި ހަމަލާތަކުގެ އެއް އަމާޒަކީ އިޒުރޭލަށް ރައްކާތެރިކަން ހޯދައިދިނުމެވެ.