ސީރިއާގައި މަރުކަޒު ހަދައިގެން ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންޓް ޖަމާއަތުން ޑްރޯން ހަމަލާއެއް ދީފި އެވެ.
އިސްލާމިކް ރެސިސްޓަންޓް ޖަމާއަތަކީ އިރާގުގައި ހަކަރާތްތެރިވާ ހަތިޔާރުއެޅި ގުރޫޕްތަކުން ގުރޫޕެކެވެ. މި އެންމެން ތިބެނީ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމުގައި -- ޝައުގުވެރިކަމެއް އޮތް ނަމަ ގުޅިގެންނެވެ.
ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށާއި އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ހަމަލާއެއް ދެވުމަކީ މި ގުރޫޕްތަކަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކެ އެވެ.
އިސްލާމިކް ރެސިސްޓަންޓުން ނެރުނު ބަޔާނެއްގައި އެމެރިކާ ސިފައިންނަށް ހަމަލާދިން ކަމަށް އޮތީ އެއްބަސްވެ، ޒިންމާ ނަގާފަ އެވެ. މި ޖަމާއަތުން ބުނާ ގޮތުން ހަމަލާދޭން ޖެހުނީ ޣައްޒާގެ ރައްޔިތުންނަށް ހަމަލާދިނުމުގައި -- ޔަހޫދީންނަށް އެމެރިކާ ވާގިވެރިވާތީ އެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނުކަން އަދި ހާމައެއް ނުކުރެ އެވެ. އެމެރިކާއިންވެސް މި ހަމަލާއާ ބެހޭ ގޮތުން އަދި ތަފްސީލެއް ނުދެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ އެއް ދުވަސް ތެރޭގައި އެމެރިކާ ސިފައިންނަށް ދިން ދެވަނަ ހަމަލާ އެވެ. މީގެ ކުރިން ހަމަލާދިނީ ރޮކެޓުން ކަމަށް ހަބަރުތައް ބުނެ އެވެ.
ސީރިއާގައި އެމެރިކާ ސިފައިން މަރުކަޒުކޮށްގެން ތިބޭ ތިބުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް ހިތްވަރުދެ އެވެ. އެއީ ސަރަހައްދީ ބައެއް ގައުމުތަކަށް -- އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ހަމަލާދިނުމަށެވެ.
ސިރިއާގައި އަދި އިރާގުގެ ބޯޑަރުގައި ތުރުކީއާ ދެކޮޅަށް ހަރަކާތްތެރިވާ ޕީކޭކޭ / ވައިޕީޖީ ހަނގުރާމަވެރިންނަށް ވެސް އެމެރިކާ ވާގިވެރިވެ އެވެ. ހަތިޔާރާއި ފައިސާ އިން ހަރަދުކުރެ އެވެ.
އެމެރިކާ ސިފައިން ސީރިއާ ބޯޑަރުގައި މަރުކަޒުކޮށްގެން ތިބޭއިރު އެންމެ ގިނައިން ކުރާ ކަމަކީ ލޫޓުވުމެވެ. ސީރިއާގެ ބިންތަކުން ތެޔޮ ވަގަށް ނެގުމާއި ދަނޑުތަކުން މޭވާ އާއި ގޮވާން ވަގަށް ނަގައި -- ދަނޑުވެރިންނަށް ގެެއްލުން ދިނުމަކީ އެމެރިކާ ސިފައިން ހިތްހަމަޖެހޭ ކަމަކަށް އޮންނަނީ ވެފަ އެވެ.
އިސްލާމިކް ރެސިސްޓަންޓް ގުރޫޕުން ބުނާ ގޮތުން ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ، އެ ގުރޫޕްގެ ހަމަލާތައް ފުޅާކުރާނެ އެވެ. އަދި ޔަހޫދީންނާ ސީދާ ކުރިމަތިލާން ތައްޔާރު ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.