އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ފުރައްސާރަކޮށްފައިވާ ކޮމެޑީ ފިލްމު "ދަ އިންޓަވިއު" ގެ ޝޯތަކަށް ސޮނީ ޕިކްޗާސް އިން ފެހި ސިގްނަލް ދިނުމުން ސޮނީގެ މި ނިންމުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.
ސޮނީން މި ފިލްމުގެ ޝޯތަކެއް އިއުލާނުކުރީ ހެކަރުންގެ އިންޒާރުތަކާ ގުޅިގެން ފިލްމު ކެންސަލް ކުރުމަށް ފަހު، ފިލްމުގެ ޝޯތަކަށް 200އެއްހާ ސިނަމާ އެންމެފަހުން އެއްބަސްވުމުންނެވެ. އަނެއްކޮޅުން އޮބާމާ ވެސް ވަނީ މި ފިލްމުގެ ޝޯތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ކުރިން ވިދާޅުވެފަ އެވެ.
ފިލްމު ނުދެއްކުމަށް އެމެރިކާގެ ބޮޑެތި ސިނަމާ ޗެއިންތަކުން ފުރަތަމަ ދެކޮޅު ހެދީ ސޮނީ އަށް ހަމަލާ ދިން ހެކަރުންގެ ޓީމުން ސިނަމާތަކަށް ވެސް އިންޒާރުތަކެއް ދިނުމާ ގުޅިގެންނެވެ. މި މައްސަލާގައި އުތުރު ކޮރެއާ ކުށްވެރިކޮށް ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ "ތަނެއްގައި ހުންނެވި ޚުދުމުހުތާރު ވެރިޔަކަށް" އެމެރިކާގައި ފިލްމެއް ސެންސަރު ނުކުރެވޭނެ ކަމަށާއި އެފަދަ ހަރުކަށި ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.
ފިލްމުގެ ޝޯތައް އިއުލާނުކުރުމަށް ސޮނީން ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ އެމެރިކާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޮޑު ގައުމަކަށްވާއިރު ފިލްމު ދެއްކުމަށް ނިންމީ އެ މިނިވަންކަން ހިމާޔަތްކުރުމުގެ އަޒުމުގައި ކަމަށެވެ.
އެމެރިކާގެ އެފްބީއައި އިން ބުނެފައި ވަނީ ސޮނީ ހެކުކޮށް އެމީހުންގެ އީމެލްތަކާއި އާ ފިލްމުތަކެއް ލީކުކޮށްލީ އުތުރު ކޮރެއާގެ ރޭވުމެއްގެ ދަށުން ކަމަށެވެ. މި ތުހުމަތަށް އެގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އަދި އެމެރިކާ އަށް ހަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
ހެކްކުރި މައްސަލާގައި އުތުރު ކޮރެއާ އަށް ތުހުމަތުކުރެވޭ އިރު މި ފިލްމުގެ މައްސަލާގައި އެމެރިކާ އާއި ސޮނީގެ ކިބައިން ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އެގައުމުން ކުރިން ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.