ދުނިޔެ

ލަންކާގައި ހޮނު އަޅައި ދެ މީހުން މަރުވެ ގެއްލުންތައް ވެއްޖެ

އަވަށްޓެރި ސްރީލަންކާއަށް މޫސުން ގޯސްވެ ކުރާ ވިއްސާރައިގެ ތެރޭގައި ދެ މީހަކު މަރުވެ، އެހެން ބައެއް ގެއްލުންތައް ވެއްޖެއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ލަންްކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ދެ މީހަކު މަރުވީ ހޮނު އަޅައިގެން ކަމަށެވެ. ލަންކާ ފުލުހުންނާ ހަވާލާދީ ނޫހުން ބުނީ އެ ދެ މީހުންގެ ގަޔަށް ހޮނުއެޅީ ވެލިކަންޑާ ނަމަކަށް ކިޔާ ސަރަހައްދުގެ ދަނޑުބިމެއްގައި ތިއްބާ ކަމަށެވެ.

ކަރަންޓްގެ ހިދުމަތްދޭ ސިލޯން އިލެކްޓްރިސިޓީ ބޯޑުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑުނީ ކިގާލީ، ރަންބުއްކަނާ، މަތުގަމާ އަދި އަގަލަވައްޓި ނަމަކަށް ކިޔާ ސަރަހައްދުންނެވެ.

ބޯކޮށް ވާރޭ ވެހި ލަންކާގެ ބައެއް ކޯރުތަކުގެ ފެންގަނޑު އާދަޔާ ހިލާފަށް ބޮޑުވުމުން ބައެއް ރިޒަވިއާ ތަކުގެ ސްޕިލް ގޭޓުތައް މިހާރު ވަނީ ހުޅުވާލާފަ އެވެެ، އަދި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފާނެ ކަމުގެ އިންޒާރު ލަންކާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ދީފައެވެ.

ހޮނު އެޅުމުގެ އިތުރު ހާދިސާތައް ވެސް ހިނގާފަނެތީ އެކަމަށް ސަމާލުވުމަށް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ސްރީލަންކާއަކީ ގާތްގަނޑަކަށް 15000 ދިވެހިން ވެސް އުޅޭ ގައުމެކެވެ.