ފެން ބޮޑުވުން

ލަންކާގެ ވިއްސާރައިގެ 200 އަށްވުރެ ގިނަ އާއިލާ ގެއްލި، ބައެއް އަވަށް ހުއްޓިފައި!

ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރަައިގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުތަކުގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ އާއިލާ ގެއްލިއްޖެ އެވެ. މި އާއިލާތައް ގެއްލިފައިވާ ކަމަށް ބެލެވެނީ އަރުނަޔާކީ ސަރަހައްދުންނެވެ. ވިއްސާރަވުމުގެ ސަބަބުން ބިން ގަނޑު ކަނޑައިގެން ދިއުމުގެ މައްސަލައާ ވެސް އެ ސަރަހައްދަށް ވަނީ ކުރިމަތިވެފަ އެވެ.

އެއަވަށުގެ ބިން ގަނޑު ކަނޑައިގެން ގޮސްފައިވަނީ ތިން ދުވަސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރެ ވެހުމަށްފަހު ރޭގައި ކަމަށާއި ތިން އަވަށް ވަޅުލެވިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ރެޑް ކްރޮސް އޮފިޝަލުން ވިދާޅުވަނީ މިހާތަނަށް 220 އާއިލާ ގެއްލިފައިވާ ކަން ޔަގީންވި ނަމަވެސް ޖުމްލަ މީހުންގެ އަދަދު ކަށަވަރު ނުވާ ކަމަށެވެ.

ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ސިފައިން ރެސްކިއު އޮޕަރޭޝަންތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް ފެނިފައިވަނީ 17 މީހެއްގެ ހަށިގަނޑު ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެ އެވެ. ނަމަވެސް މިހާދިސާގައި މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެންމެ ބާރުސްޕީޑްގައި ކުރިއަށް ނުގެންދެވޭ ކަމަށް ވެސް ރެޑް ކްރޮސް އިން ބުނެ އެވެ. ސަބަބަކީ ވެރިރަށް ކޮލަމްބޯއަށް ވެފައި މަގުތައް ފަރުބަދަތަކާ ގުޅިފައިވާތީ އެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި ލަންކާއަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެޑްކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނާއިރު ބޮޑެތި ގެއްލުންވި އަވަށުގެ 137،000 މީހުން ގެދޮރު ދޫކޮށްލަން ޖެހިފައިވެއެވެ. ބިން ގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ސަލާމަތްވި މީހުންގެ އަދަދުވެސް ލަންކާ ފުލުހުންނަށް މިހާތަނަށް ވަނީ ކަށަވަރު ނުކުރެވި އެވެ.

އެއަވަށުގެ 800 އެއްހާ މީހުން މިހާރު ފައްޅިތަކަށްވަދެ ހިމާޔަތް ހޯދާފައިވާ އިރު ކައިރި އަވަށްތަކުގެ މީހުންވެސް ފައްޅިތަކުން ހިމާޔަތް ހޯދަމުންދާ ކަމަށްވެ އެވެ. އެމީހުން ފައްޅިތަކުން ހިމާޔަތް ހޯދަނީ އެއަވަށްތަކަށް އެ ފަދަ ހާދިސާއެއް ކުރިމަތިވެއްޖެނަމަވެސް ރައްކާތެރިވުމަށް ކަމަށް ފުލުހުން ބުނެ އެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން ލަންކާއަށް މިހާ ބޮޑު ވިއްސާރައެއް ކުރާ ފުރަތަމަ ފަހަރެވެ. މި ވިއްސާރައިގެ އަސަރު އިންޑިއާގެ ޓެމިލް ނާޑޫ އަދި ކެރެލާ ސްޓޭޓަށްވެސް ދަނީ ކުރަމުންނެވެ. ކެރެލާގެ އައްސޭރި ފަށުގެ 100 އަށްވުރެ ގިނަގެ ހަލާކުވެފައިވާއިރު 50 އާއިލާ ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
.