ވިޔަފާރި

އަލުވީގެ އަގަށް ވެގެން މި އުޅެނީ ކިހިނެއް؟

May 21, 2018
1

ބާޒާރުގައި ފިޔާ އަދި ބިހުގެ އަގުތައް ދަނީ ދަށަށެވެ. އެކަމަކު މި ބާވަތްތަކާއެކު ރާއްޖެ އެތެރެކުރާ އަލުވީގެ އަގުތައް ވަނީ އަނެއްކާ ވެސް މަތިވެފަ އެވެ. ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟

ބާޒާރަށް މިއަދު ގޮސް ބައެއް މި ބާވަތްތައް ވިއްކާ މީހުންނާ ވާހަކަ ދެއްކުމުން ބައެއް މީހުން ބުނީ އަލުވި ހަމަ ނުލިބެނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މައި ބަނދަރުން އަލުވި ނެރުމުގައި ތާށިވެެގެން އުޅެނީ ކަމަށެވެ. ސުވާލަކީ ފިޔާ އަދި ބިހުގެ އަގު މަތި ނުވެ ހަމައެކަނި އަލުވީގެ އަގު މަތި ވެގެން އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

"ހަމަ ނުލިބެނީ. ލިބެންޏާ އަހަރެމެން ވެސް އަގު ބޮޑެއް ނުކުރާނެ ތާ؟ " އަލުވި އަގު ބޮޑުވާ ސަބަބު އެހުމުން ސޭޓު ދިނީ ރުންކުރު ޖަވާބެކެވެ.

ބާޒާރުގައި މިއަދު ފިޔާ ބަސްތާއެއް ވިއްކަނީ 160ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 300ރ. އަށެވެ. މި ދެ ބާވަތް މިވަނީ ބައެއް ފިހާރަތަކުގައި އަގު ހެޔޮވެފަ އެވެ. ނަމަވެސް އަލުވި ބަސްތާއެއް މިހާރު ވެސް ވިއްކަނީ 470ރ. އަށެވެ. މިއީ މި ބާވަތް މީގެ ދެ ދުވަސް ކުރިން ވިއްކި އަގާ އަޅާބަލާއިރު ބަސްތާ އަކުން 20ރ. ވަރު ބޮޑުވުމެކެވެ.

މި ބާވަތްތައް ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯއިން ވެސް ދަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ރީޓެއިލްކޮށް ފިޔާ ކިލޯއެއް އަށް ރުފިޔާ އަށެވެ. އަލުވި ކިލޯއެއް 9 ރުފިޔާ އަށެވެ. ބިހެއް 1/50ރ. އަށެވެ. ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާ އަށް، އަލުވި ބަސްތާއެއް 200 ރުފިޔާ އަށް، ބިސް ކޭހެއް 270 ރުފިޔާ ލިބެ އެވެ. އަދި އެސްޓީއޯ ސްޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހައްވުރެން މަތިން ނަގާނަމަ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 190 ރުފިޔާ އަށް، ބިސް ކޭހެއް 260 ރުފިޔާ ލިބެ އެވެ.

ކޮންމެއަކަސް ބާޒާރުގައި ފިޔާ އަދި ބިހުގެ އަގު ވަނީ ދަށްވެފަ އެވެ. އެކަމަކު ހަމަ ގައިމުވެސް އަލުވީގެ އަގުތައް ވަނީ ބޮޑުވެފައެވެ.