ބޮލީވުޑް

"މުންނާ ބާއީ 3" ގެނެސް ދޭނެ

"މުންނާ ބާއީ" ގެ އިތުރު ފިލްމެއް ގެނެސްދޭނަންތޯ ނޫސްވެރިން ރާޖްކުމާރް ހިރާނީ އާއި ސުވާލު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ހިރާނީ މިވަނީ މުންނާ ބާއީގެ ތިން ވަނަ ފިލްމެއް ގެނެސްދޭނެކަން ކަށަވަރުކޮށްދީފަ އެވެ.

މި ފިލްމު ސީރީޒްގެ ފުރަތަމަ ދެ ފިލްމު "މުންނާ ބާއީ އެމްބީބީއެސް" އާއި "ލަގޭ ރަހޯ މުންނާ ބާއީ" އަކީ ގިނަ ބައެއް ލޯބި ލިބުނު ކޮމެޑީ ފިލްމުތަކެކެވެ.

ސަންޖޭ ދަތް ލީޑުން ފެނިގެންދާ މި ފިލްމުގެ ތިން ވަނަ ފިލްމު ގެނެސްދޭކަން ހިރާނީ ކަށަވަރުކޮށްދިނީ އައުޓްލުކް މެގަޒިންއަށް ދިން އިންޓަވިއެއްގަ އެވެ.

"މުންނާ ބާއީގެ ތިން ވަނަ ފިލްމެއްގެ މަސައްކަތް އޮތީ ފަށާފައި. ސްކްރިޕްޓު ތައްޔާރުކުރުމުގެ މަސައްކަތް މި ކުރަނީ. އަދިވެސް ހިތްހަމަޖެހޭ ވަރަށާއި ކުރީގެ ދެ ފިލްމާއި ގުޅޭނެ ގޮތަކަށް ސްކްރިޕްޓެއް ނުލިޔެވޭ. އެކަމަކު އެ މަސައްކަތް އެބަ ކުރަން." ހިރާނީ ބުންޏެވެ.

ހިރާނީ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖޫން މަހު 11 ގައި ރިލީޒްކުރާ ސަންޖޭ ދަތްގެ ބަޔޮޕިކް ފިލްމު "ސަންޖޫ" އަށެވެ. ސަންޖޫގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ރަންބީރް ކަޕޫރް އެވެ.