ހޮލީވުޑް

"ވަރުގަދަ އަންހެނުން" ކިޔާތީ އެމިލިއާ ރުޅިއަތުވެއްޖެ

ބައެއް ފިލްމާއި ސީރީޒްތަކުގައި ލީޑު ރޯލަކުން އަންހެން ތަރިއަކު ފެނިގެންދާނަމަ ބުނާ "ސްޓްރޯންގް ވުމަން" ނުވަތަ ވަރުގަދަ އަންހެނުންގެ ރޯލު ކިޔާތީ އެމިލިއާ ކްލާކް ހިތްހަމަނުޖެހިއްޖެ އެވެ. އެޗްބީއޯގެ ސީރީޒް، "ގޭމް އޮފް ތްރޯންސް" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެމިލިއާ ބުނީ މިއީ ޖިންސީ ތަފާތުކުރުން ކަމަށެވެ.

"އަންހެނުން ކިޔާއިރު ކުރިއަށް އެލާ 'ވަރުގަދަ' އެއީ ބޭކާރު ބަހެއް." އެމިލިއާ މިހެން ބުނެފައި ވަނީ މޯޝަން ޓޯކްސްއަށް ދިން އިންޓަވިއެއްގަ އެވެ.

އެމިލިއާ 31، މިހާރު ހުރީ މި މަހު ރިލީޒްކުރާ އޭނާ ލީޑުން ފެނިގެންދާނެ ފިލްމު "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ"، ކާންސް ފިލްމު ފެސްޓިވަލުގައި ސްކްރީން ކުރުމަށް ފްރާންސްގަ އެވެ.

"ވަރުގަދަ ނުވެއްޖެއްޔާ ދެން ކޯއްޗެއްތޯ ވަނީ؟ ތި ބުނެވެނީ ލީޑުން ނުފެނިއްޖެއްޔާ އަހަންނަކީ ވަރުދެރަ މީހެކޭ؟" އެމިލިއާ ބުންޏެވެ. އޭނާ ބުނީ ބައެއް ފިލްމުތަކުގައި ފިރިހެން އެކްޓަރުންނަށް ވެސް މި މައްސަލަ ކުރިމަތިވާ ކަމަށެވެ. ފިރިހެން އެކްޓަރުން ވަރުގަދަވަނީ ފިޒިކަލީ އެމީހުން ބާރުގަދަވުމުން ކަމަށް އޭނާ ބުންޏެވެ.