ހަބަރު

ލޮކްއެންޑްރޯލް: ދޮރު ހުޅުވައިގެން ސަލާމަތްވޭ!

May 22, 2018

ގޭމެއްގެ ގޮތުގައި ރަހުމަތްތެރިން ގުޅިގެން ކުޅެލެވޭނެ ކުޅިވަރުތައް ރާއްޖޭގައި ވަރަށް މަދެވެ. އެކަމަކު ދުނިޔޭގައި ވެސް މަގުބޫލު މިފަދަ ގޭމެއް ރާއްޖެއަށް ތައާރަފުކުރުމުން މިހާރު ވަނީ ވައިގައި ހިފާފަ އެވެ. "ލޮކްއެންޑްރޯލް" ގޭމް ކުޅެނީ އެކަމަށް ހާއްސަ "އެސްކޭޕް ރޫމް" އެއްގަ އެވެ. ގޭމުގެ ބައިވެރިން ކުރަން ޖެހޭނެ ކަމަކީ ދީފައިވާ ޓާސްކްތައް ފުރިހަމަ ކޮށްގެން ތަޅުދަނޑި ހޯދުމަށް ފަހު ދޮރު ހުޅުވުމެވެ.

"ލޮކްއެންރޯލް" ގޭމްގައި އެންމެ މަދުން ބައިވެރިވެވޭނީ ދެ މީހުންނަށެވެ. އަދި ގިނަ ވެގެން ހަ މީހުންނަށް ބައިވެރިވޭނެ އެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދާ ގޮތަށް ފަރުމާކޮށްފައިވާ "ލޮކްއެންޑްރޯލް" ގޭމް ސެންޓަރު ހުޅުވާފައިވަނީ ހުޅުމާލެ، ނިރޮޅުމަގު (ވީޓޫ ފިހާރަ) މަތީގަ އެވެ.

ލޮކްއެންޑްރޯލް މޯލްޑިވްސް ގޭމް ސެންޓަރު ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވި، ޝާމް ނަސީރު ބުނި ގޮތުގައި މި ހިޔާލަކީ އޮސްޓްރޭލިޔާގައި އޭނާ ކިޔަވަން އުޅުނުއިރު އައި ހިޔާލެކެވެ.

"އޮސްޓްރޭލިއާގައި މިފަދަ ގޭމް ކުޅޭ ތަންތަން ހުރޭ. އެހެންވެ ރާއްޖެ އައިސް މިތަން ހުޅުވީ. މިއީ ރިއަލް ލައިފް ގޭމިން އެކްސްޕީރިއަންސެއް. ރޯލް ޕްލެއިން ގޭމިން އެއް. މި ގޭމްގައި ބައިވެރިވާ މީހުންނަށް މި ދެވެނީ ކްލޫސްތަކެއް. އެ ކްލޫސްތައް ސޯލް ކޮށްގެން ރޫމްގެ ތަޅުދަނޑި ހޯދައިގެން ދޮރު ހުޅުވަން ޖެހޭނީ،" ޝާމް ބުންޏެވެ.

ޝާމް ބުނި ގޮތުގައު ލޮކްއެންޑްރޯލް ގޭމުގައި ބައިވެރިވާ މީހުންނަށް ކޮޓަރީގެ ތަޅުގަނޑި ހޯދައި ދޮރު ހުޅުވަން ލިބޭނީ އެއް ގަޑިއިރު ކަމަށެވެ. އޭނާ ބުނީ ގާތްގަނޑަކަށް 25،000ރ. ގެ އިންވެސްޓްމަންޓުން ހުޅުވި މި ގޭމިން ސެންޓަރަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

"ރާއްޖެ އަށް އާ ކަމެއް މިއީ. އެކަމަކު ޒުވާނުންގެ ސަޕޯޓު ވަރަށް ބޮޑަށް ލިބޭ. އެހެންވެ އެހެން ތަނެއް ވެސް ހަދަން ވިސްނަނީ،" ތިން ރަހުމަތްތެރިން ގުޅިގެން ހެދި "ލޮކްއެންޑްރޯލް" ގޭމް ސެންޓަރު ހުޅުވައި ހިންގާ، ޝާމް ބުންޏެވެ.

ލޮކްއެންޑްރޯލް ގޭމްގައި ބައިވެރިވާން ހަފުތާ ބަންދު ދުވަސްތަކުގައި ފީއެއްގެ ގޮތުގައި ނަގަނީ 120ރ. އެވެ. އަދި އެހެން ދުވަސްތަކުގައި ފީއަކީ 100ރ. އެވެ.

އޭނާ ބުނި ގޮތުގައި މި ގޭމް ތަޖުރިބާ ކުރި ގިނަ މީހުން ވަރަށް ޕޮޒިޓިވް އެވެ،

"ގިނަ މީހުން ބުނަނީ 100ރ. ދީފައި ފިލްމަކަށް ދިއުމަށް ވުރެ ރަނގަޅޭ. ވަރަށް ޕޮޒިޓިވްކޮށް ތިބީ،"