ހަބަރު

ސިނަމާއާއެކު ހުޅުމާލެ ކޮމިއުނިޓީ ސެންޓަރު މިމަހު ހުޅުވަނީ

ޝްވެކް ސިނަމާއާއެކު، ހުޅުމާލެ ކޮމިއުނީޓީ ސެންޓަރު މިމަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ. އެޗްޑީސީގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މިމަހުގެ ތެރޭގައި ކޮމިއުނިޓީ ސެންޓަރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"މިހާރު ވެސް ބައެއް ހިދުމަތްތަ އެ ތަނުން ލިބޭނެ. ނަމަވެސް ސިނަމާއާއެކު ރަސްމީކޮށް މި މަހު ހުޅުވަން މަސައްކަތް ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިންޑޯ ބައެއް ގޭމްތައް ކުޅެވޭ ގޮތަށް ހަދާފައިވާ މި ސެންޓަރުގައި މިހާރު ވެސް ބައެއް ކުޅިވަރުތައް ކުޅެވެ އެވެ. މިތަނުގައި މިހާރު ކުޅެވޭ ބައެއް ކުޅިވަރުތަކުގެ ތެރޭގައި ބެޑްމިންޓަން އާއި ޖިމް ހިމެނެ އެވެ. މީގެ އިތުރުން މިތަނުގައި އަލަށް ތައާރަފު ކުރަން މަސައްކަތް ކުރާ ހިދުމަތްތަކުގެ ތެރޭގައި ކައުސިިލިން ހިމެނެ އެވެ.

ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުގައި ޝްވެކުން ހަދާ ސިނަމާއަކީ 180 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަން ހަދަނީ އެންމެ ޒަމާނީ ސިނަމާއެއްގައި ހުންނަ ހިދުމަތްތަކާއެކުގަ އެވެ.