މާލޭ ސިޓީ

މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަނީ

ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ބާޒާރެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ރޯދަ މަހަށް ހާއްސަކޮށް ވަގުތީ ބާޒާރެއް ހަދަން އެކައުންސިލްގެ 90 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރި ނަމަވެސް ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަނެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10،000 އާއިލާ ދިރިއުޅެމުންދާ ކަމަށެވެ.

"އެފަރާތްތަކަށް ރަމަޟާންމަހު މާލެ އާއި ހަމަޔަށް އައިސް ނުވަތަ ފޭސް އެކަކަށް ގޮސް ދުރު ހިސާބުތަކަށް ގޮސްގެން މި ބޭނުންވާ ތަރުކާރީ އާއި މި ތަކެތި ހޯދުން ދަތި ކަމަކަށް ވެދާނެ. އެހެންވީމަ މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއް ގޮތަށް މިކަންގެންދާނީ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އެކަމުން އާމްދަނީއެއް ލިބޭ ގޮތަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ރޯދަ މަހާއި ދިމާކޮށް ހަދާ ވަގުތީ ބާޒާރު ހިންގުމަށް ޓެންޓް ޖަހައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.