ހަބަރު

ރައީސް ޔާމީނަށް ދެއްކުނީ ހަގީގަތަކަށް ނުވި ގްރެފިކްސް ތަކެއް: ނަޝީދު

May 21, 2018
13

މިދިޔަ އަހަރުތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންނަށް ދައްކުވައި ދެއްވުނީ ހަގީގަތަކަށް ނުވި ކޮމްޕިއުޓާ ގްރެފިކްސްތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ހުންނަ އެމްޑީޕީ ޖަގަހައިގައި "ޖަޒީރާ ރައީސް" ގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިގްތިސޯދާ ގުޅިގެން ރައީސް ޔާމީން މިހާތަނަށް ވިދާޅުވެފައިވާ އެއްވެސް ސިޔާސަތެއް އެމަނިކުފާނަށް ތަންފީޒު ކުރެވިފައި ނުވާ ކަމަށާއި ކޮންމެ އަހަރު ބަޖެޓުގައި ބޮޑެތި މަޝްރޫއުތަކެއް ހިމަނައިގެން ވެސް އެއިން އެއްވެސް ކަމެއް ތަންފީޒު ނުކުރެވޭ ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ދައްކަވަމުން އައީ ކޮމްޕިއުޓާ ގްރެފިކްސްތަކެއް ކަމަށެވެ.

"ދަންނަވަންތޯ ކޮމްޕިއުޓާ ގްރެފިކްސްއަށް ދެއްކޭނޭ، އެންމެހާ ނަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ދައްކަމުން ރައީސް ޔާމީން ވަޑައިގަންނަވަނީ، ކޮމްޕިއުޓާ ގްރެފިކްސް އިން ވަރަށް ގިނަ މަންޒަރުތައް ދެއްކި، ނަމަވެސް އެކަންކަން ހަގީގަތަށް ވާނީ އިންސާފު ގާއިމްވެ، ހަމަހަމަކަން ގެނެސްދީ، ވެރިކަން ސާފުކޮށްގެން، އަދި ރައްޔިތުން ބާރު ވެރިކުރެވިގެންނާއި ރައްޔިތުން ތަރައްގީ ކުރެވިގެން،" އަވައްޓެރި ސްރީލަންކާގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ވާހަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ކަންކަން މިޔަސް ވުރެ ހީނަރުވެފައި އޮތް ދުވަސްވަރެއް އަދި ނުދެކޭ ކަމަށާއި އެއީ ދިވެހިންނަށް ހައްގުވާ މިންވަރެއް ނޫން ކަމަށެވެ. ރާއްޖޭގެ މުސްހަނދިކަން ވަރަށް ބޮޑުތަން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވަމުން މިއަދުގެ ހާލަތު ރައީސް ނަޝީދު ސިފަ ކުރައްވީ "އަނދަވަޅެއްގެ ތުންފަތް މަތީގައި" ރާއްޖެ އޮތް ކަމަށެވެ.

"ރާއްޖެ މިއަދު ދަރަމުން މިދަނީ މީގެ ކުރީގައި އެކަން ހިނގާ އުސޫލަކުން ނޫން، ދަރަނީ ދިވެހިން ދަންނަ އުސޫލަކުން، އެއީ 100،000 ރުފިޔާ ބޭނުންވީމަ، އެއް މިލިއަން ރުފިޔާގެ ޗެކެއް ފައިސާ ދޭ މީހާ އަތުގައި ބާއްވާފައި 100،000 ރުފިޔާ ނަގަނީ ގޭގެ ރަޖިސްޓްރީ އޭނާ އަތުގައި ބާއްވާފައި، 100،000 ރުފިޔާއިން އުފައްދާ ވިޔަފާރިއަކުން އެއް މިލިއަން ރުފިޔާއެއް ނުދެއްކޭނެ، ދެން ގެއްލެނީ ގޭގެ ގޯތި، އަޅުގަނޑުމެންގެ ރާއްޖޭގެ ރަޖިސްޓްރީ ގެއްލެން މިދަނީ، ޗައިނާގެ އެގްޒިމް ބެންކުން ރާއްޖޭގައި ހިންގާ މަސައްކަތަށް ލޯނު ދީފައި ހުރީ ހަމަ ސީދާ އެ މިސާލަށް،" ނަޝީދު ވިދާޅުވި އެވެ.