ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުންއަންނަ "ވޯލްޑް ހެލްތު އެސެމްބްލީ" ގެ 71 ވަނަ ބައްދަލުވުން ސްވިޒްލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފި އެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 21 ން 26 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސިއްހަތާއިބެހޭ ގޮތުން މުހިންމު ބައިނަލްއަގުވާމީ ނިންމުންތައް ނިންމާނެ އެވެ.
މިއަހަރުގެ މިބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުލް ސަމަދު އަބްދުﷲ ވަނީ ހިމެނިފައެވެ.
މިއަހަރުގެ އެސެމްބްލީއާއި ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންް މެއި މަހުގެ 20 ވަނަ ދުވަހު ޖެނީވާގައި ވަނީ "ވޯކް ދަ ޓޯކް"ގެ ނަމުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައެވެ. މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހެލިފެލިވެއުޅުން ކުރިއެރުވުމެވެ. މިހަރަކާތުގައި ރާއްޖޭގެ ވަފްދުން ވެސް ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ބައްދަލުވުމުގައި ގައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަގުރީރު ކުރެއްވުމަށް ހާއްސަ ކުރެވިފައިވާ މައުޟޫއަށް ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޕްލޭން މިއަހަރުގެ ހެލްތު އެސެމްބްލީގައި ހުށަހެޅިގެން ދާނެއެވެ. މި ޕްލޭންގައި ކުރިއަށްއޮތް އަހަރު ސިއްހީ ދާއިރާއިން ހާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހީ ދާއިރާގެ އިމަޖެންސީ ހާލަތްތަކަށް އިތުރަށް ތައްޔާރުވުމަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ. މީގެ އިތުރުންވެސް ސިއްހީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ގައުމުތަކުގެ މެދުގައި މަޝްވަރާކުރާނެ އެވެ.