ކުޅިވަރު

ވެލެންސިއާއަށް ދިވެހިލީގް ފުރުސަތު ހަނިވެއްޖެ

ޓީސީ ސްޕޯޓްސް އަތުން 4-0 ން ބަލިވެ، ދިވެހި ލީގްގައި އެންމެ ކާމިޔާބު އެއް ޓީމު ކުލަބު ވެލެންސިއާއަށް މި އަހަރު ވެސް ދިވެހި ލީގުގެ ދޮރު ގާތްގަނޑަކަށް ބަންދު ވެއްޖެ އެވެ.

ދިވެހި ލީގްގައި މި އަހަރު 10 ޓީމު ވާދަ ކުރާނެ އެވެ. މާލޭ ލީގުން ދިވެހި ލީގަށް ފުރުސަތު ލިބޭނީ ގަދަ ހަ ޓީމަށެވެ. ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލުގަ އެވެ. ރޭގެ މެޗުގައި ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހެދީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ.

ފުރަތަމަ ލަނޑު އިއްބެ ކާމިޔާބު ކުރީ މެޗުގެ 56 ވަނަ މިނެޓްގަ އެވެ. ޓީސީގެ ހާފުގެ މެދުތެރޭގައި ހުރެފައި އަނަޓޮލީ އަށް ދިން ބޯޅަ އޭނާ ފޮނުވާލީ ވެލެންސިއާގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި އިއްބެ އަށެވެ. އޭރިއާގެ ކަނާ ދިމާލުން ބޯޅަ ހިފައިގެން ވަދެގެން ގޮސް އިއްބެ ބޯޅަ ފޮނުވާލީ ވެލެންސިއާގެ ޑިފެންސުން އޭނާ ހުއްޓުވަން އުޅުނު ނަމަވެސް ޑިފެންސަށް ފުރުސަތު ނުލިބޭނެ ގޮތަށެވެ.

ޓީސީގެ ދެ ވަނަ 71 ވަނަ މިނެޓްގައި އިއްބެ ކާމިޔާބު ކުރީ އިޝާން އިބްރާހިމް (ސއްޓު) ނަގައިދިން ހުރަސް ބޮލުން ފޮނުވާލައިގެންނެވެ. މިފަހަރުވެސް ވެލެންސިއާގެ ޑިފެންސަށް އިއްބެ މާކު ކުރުމުގައި ފަރުވާ ކުޑަ ކޮށްލެވުނެވެ.

އިއްބެ ހެޓްރިކް ހެދީ ޓީސީ އަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ޓީސިގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޔާމީން އިބްރާހިމް އަށް ފައުލު ކުރުމުން ރެފްރީ ދެއްކީ ޕެނަލްޓީއެކެވެ. މެޗުގެ 79 ވަނަ މިނެޓްގައި އިއްބެ ޕެނަލްޓީ ފޮނުވާލީ ވެލެންސިއާގެ ކީޕަރު ޖޫން ކޮޗީ ޑައިވް ކުރި ފާރަތަށެވެ. ނަމަވެސް ޕެނަލްޓީ ދިފާއު ކުރުމުގައި ކޮޗީ އަށް ކާމިޔާބެއް ނުހޯދުނެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު ކްލިއަރެންސް ވިލިއަމްސް ކާމިޔާބު ކުރީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ ވެލެންސިއާގެ ޑިފެންސް ނައްޓާލުމަށް ފަހު އެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗިން ޓީމުގައި ހިމެނޭ، ކުރީގެ އެއްވަނަ ކުޅުންތެރިޔާ އާދަމް އަބްދުލް ލަތީފު (ލައްޗޭ) ބުނީ ޓީމުގައި އަނިޔާގެ ބައެއް މައްސަލަތައް ވެސް އުޅޭ ކަމަށެވެ. އޭނާ ބުނީ ބޮޑަށް ފޯކަސް ކުރާނީ ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކޮށްގެން ފުރަތަމަ ޑިވިޝަންގައި އޮތުމަށް ކަމަށެވެ.