ތާވަލުގެ އެއް ވަނައިގައި އޮތް ވެލެންސިއާ އިން ލީޑް ނަގާފައި ވަނިކޮށް، ޓީސީން ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ވެލެންސިއާ މޮޅު ވިޔަ ނުދީ ހިފަހައްޓައިފި އެވެ.
މެޗު އެއްވަރުވީ، 1-1 ންނެވެ. މެޗު އެއްވަރު ވުމުން، ވެލެންސިއާގެ ފަހަތުން ދެ ވަނައިގައި އޮތް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަށް ވަނީ އެއްވަނަ އަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ. މާދަމާ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މޮޅު ވެގެން އެ ޓީމަށް ޕޮއިންޓްގެ ގޮތުން ވެލެންސިއާ އާ އެއްވަރުކޮށް ލަނޑުގެ ތަފާތުން ތާވަލުގެ އެއް ވަނަ އެރޭނެ އެވެ.
ވެލެންސިއާ ހިފެހެއްޓުމުގައި އޭނަ ބޭނުންވި ގޮތަށް ޓީސީގެ ކުޅުންތެރިން މަސައްކަތް ކުރި ކަމަށް ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ. އޭނާ ބުނީ ޓީސީ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިން މަދު އަދި ޒުވާން ކުޅުންތެރިން ގިނަ ޓީމަކަށް ވެލެންސިއާ ކަހަލަ ޓީމެއް ހިފަހައްޓާލުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
"ވަރަށް ބޮޑަށް ޕްލޭން ވޯކް ކުރި،" މެޗަށް ފަހު ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ. "އަދި މިހާތަނަށް ކުޅުނު މެޗުތަކަަށް ބަލާއިރު ފުރަތަމަ މެޗުގައި ވަރަށް އުނދަގޫ ވެގެން ދިޔަ. ހަގީގަތުގައި ލީގްގެ ފުރަތަމަ މެޗުގައި އެންމެ ބޮޑަށް ދިމާވި މައްސަލައަކީ އަނެއް ޓީމު [ސަސްޕަޓީސް] ކުޅޭތަން ފެނިފައި ނެތީމަ ތަންކޮޅެއް އުނދަގޫވި އެ ޓީމާ ދެކޮޅަށް ކުޅޭނެ ގޮތުގެ ސެޓަޕެއް ހަދަން. ވެލެންސިއާ ހަތަރު މެޗު ކުޅެފައި އައީމަ ދެން އެނގޭ އެމީހުން ކުޅޭ ހުރިހާ ސިސްޓަމާ އެއްޗިހިވެސް. އެއަށް ތައްޔާރުވާން ލިބުނު ވަގުތުގައި ވަރަށް ރަނގަޅަށް ތައްޔާރު ވެވުނު. މީގައި ހުރިހާ މަސައްކަތެއް ކުރީ ކުޅުންތެރިން އެ ކުޅުންތެރިން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ވެލެންސިއާގެ ފެންވަރު އެނގޭތީ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި."
ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް، ވެލެންސިއާ ކޮޅަށް ޖެހި ލަނޑަކީ ލީގްގައި ވެލެންސިއާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. އައްޒާމް ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީންނެވެ. އެ ޕަންލްޓީގެ ކުރިންވެސް ޓީސީއަށް ޕެނަލްޓީއެއް ލިބެން ޖެހޭ ހާލަތެއް މެދުވެރިވި އެވެ. ޓީސީގެ ބެންޗުން ޕެނަލްޓީއަކަށް އެޕްރީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެ އެވެ.
ވެލެންސިއާގެ ލަނޑު، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެ ހަމަލާގައި ފެނުނީ އަޝްފާގް، ސެންޓޭ އަދި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ގެ ކޮމްބިނޭޝަނެވެ. ޓީސީގެ އޭރިއާގެ ބޭރުން އަރިމަތިން ލިބުނު ބޯޅަ ބިޗަޑް ޕާސް ކޮށްލީ ސެންޓޭ އަށެވެ. އޭރިއާ ތެރެއަށް ވަދެ ސެންޓޭ ބޯޅަ ދިނީ އޭރިއާގެ މެދުގައި ހުސްކޮށް ހުރި އަޝްފާގް އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ޓީސީގެ ގޯލަށް ވައްދާލާފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ ލަނޑު ޖެހުމާ ހަމައަށް ގޭމް ޕްލޭނާ އެއްގޮތަށް ވެލެންސިއާގެ ކުޅުންތެރިން މަސައްކަތް ކުރި ކަމަށެވެ.
"އެކަމަކު 1-0 ލީޑެްގައި ވީމަ ކުޑަ ކޮށް ޓެކްޓިކަލް ޑިސިޕްލިން ގެއްލުނީ،" މެޗަށް ފަހު އާތީ ބުންޏެވެ. "އެކި މެޗުތަކުގެ ފުލޯ އިންނާނީ އެކި ގޮތަށް. އެކި ޓީމުގެ ސްޓައިލް ކުޅުން ހުންނާނީ އެކި ގޮތަށް. ކުޅިވަރަކީ މޮޅާ ދެރަ އާއި އެއްވަރުވުމާ އޮންނަ އެޗެއް. މި މެޗަކީވެސް ތަޖުރިބާއެއް. އެއް ޕޮއިންޓާައެކު ނިންމާލެވުނަސް ހިތްހަމަޖެހޭ އެހެންނަމަވެސް ކުޅުންތެރިން ވަރަށް މަސައްކަތް ކުރި މޮޅަކުން މިއަދު ނިންމާލެވޭތޯ."
ވެލެންސިއާގެ ފޯވަޑްލައިން ހިފެހެއްޓުމުގައި، ޓީސީގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕަސްކަސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީސީގެ ކޯޗް ޝާޒް ވަނީ ޑަކްސަން މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.