ވިޔަފާރި

އެސްޓީއޯއިން އަލުވީގެ ބޮޑު ޝިޕްމަންޓެއް ގެނެސްފި

May 22, 2018

އަލުވީގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވާތީ، އެސްޓީއޯ އިން އަލުވީގެ ބޮޑު ޝިޕްމަންޓެއް ގެނެސް، މިރޭ ބާލަން ތައްޔާރު ވެއްޖެ އެވެ.

އެސްޓީއޯ ސުޕަމާޓުގެ ޖެނެރަލް މެނޭޖަރު ހަމްދޫން ސައީދު ވިދާޅުވީ އަލުވީގެ ޝިޕްމަންޓް ރޭ ބަނދަރަށް ވަދެފައިވާ ކަމަށެވެ.

"ރޭ ދަންވި ފަހުން ބޯޓް ވަނީ. މި ބަލަނީ މިރޭ މުދާ ކްލިއަ ކުރެވޭނެ ކަމަށް،" ހަމްދޫން ވިދާޅުވި އެވެ.

އެސްޓީއޯ އިން މި ރޯދަމަހަށް ހާއްސަކޮށް ތިން ޝިޕްމަންޓެއް މިހާތަނަށް ގެނެސްފަ އެވެ. އަދި އެތަކެތި ގުދަން ކުރުމަށްޓަކައި އިންޑަސްޓްރި އަލް ވިލެޖުގައި ވަނީ ގުދަނެއް ވެސް ހަދާފަ އެވެ.

އެސްޓީއޯ އިން ފިޔާ އަލުވި އަދި ބިސް ގެނެސްފައިވާއިރު ފިޔާ ކިލޯއެއް ވިއްކަނީ އަށް ރުފިޔާ އަށެވެ. އަދި އަލުވި ކިލޯއެއް 9 ރުފިޔާ އަށް ލިބެ އެވެ. އަދި ބިހެއް 1/50ރ. އަށް ވިއްކާއިރު، ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާ އަށް ވިއްކަ އެވެ. އަދި އަލުވި ބަސްތާއެއް 200 ރުފިޔާ އަށް، ބިސް ކޭހެއް 270 ރުފިޔާ ވިއްކަ އެވެ. އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހައްވުރެން މަތިން ނަގާނަމަ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 190 ރުފިޔާއަށް، ބިސް ކޭހެއް 260 ރުފިޔާ ލިބެ އެވެ.

ބާޒާރުގައި މިއަދު ފިޔާ ބަސްތާއެއް ވިއްކަނީ 190ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 380-400ރ. އަށް ވިިއްކާއިރު ބިސް ކޭހެއް 320ރ. އަށް ވިއްކަ އެވެ.