އެސްޓީއޯ/ ސަރުކާރު ފިހާރައިން ފިޔާ، ބިސް އަދި އަލުވީގެ ހާއްސަ ސްޓޮކެއް ރާއްޖެ ގެނެސް އެ ބަވާތްތަކުގެ އަގު ހެޔޮ ކުރަން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ މިއީ ރޯދަ މަހަށް ހާއްސަ ކޮށްގެން ގެނައި ބާވަތްތަކެއް ކަމަށްވާތީ މިހާރު ލިބޭ އަގުތަކަށްވުރެ ހެޔޮ އަގުގައި މި ބާވަތްތައް ގަންނަން ލިބޭނެ ކަމަށެވެ.
ރޯދަ މަހަށް ގެނައި ބާވަތްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަން ލިބޭނެ އިންތިޒާމު ވެސް އެސްޓީއޯއިން ވަނީ ހަމަޖައްސާފަ އެވެ.
އެސްޓީއޯ އިން ބުނީ ރޯދަ އަށް ގެނައި ބާވަތްތަކުގެ ތެރެއިން ފިޔާ ބަސްތާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާ އަށް ކަމަށެވެ. އަދި ފިޔާ ކިލޯއެއް 9.50 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ބިސް ކޭހެއް 265 ރުފިޔާއަށް ވިއްކުމަށް ހަމަޖައްސާފައިވާއިރު ބިހެއް ވިއްކުމަށް ހަމަޖައްސާފައިވަނީ 1.40 ރުފިޔާ އަށެވެ.
އަލުވި ބަސްތާ އެއް 185 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާއިރު އަލުވި ކިލޯއެއް ވިއްކުމަށް ހަމަޖައްސާފައިވަނީ ނުވަ ރުފިޔާ އަށް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
ރޯދަ މަހާ ދިމާކޮށް ބައެއް ވިޔަފާރިވެރިން ބައެއް ބާވަތްތަކުގެ މުދާ އަގު ބޮޑުކުރާތީ އެފަދަ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަގުހެޔޮކޮށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ.